ރާއްޖޭގެ ފުޓްސަލް އެހެން ހަރުފަތަކަށް ގެންދަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިންޑޯ ފުޓްސަލް ކޯޓެއް ތަރައްގީ ކުރުން ކަމަށް ތަޖުރިބާކާރު ކޯޗު، އަލީ ސުޒޭން ބުނެފިއެވެ.

ފުރަތަމަ ފަހަރަށް ސާފުން ބާއްވާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިއަދު އިންޑިއާ ކައިރިން ބަލިވީ 11-1 ގެ ނަތީޖާއަކުންނެވެ.

ސާފް އަންހެން ފުޓްސަލް މުބާރާތް މިއަދުން ފެށިގެން މިމަހު 27 އަށް ތައިލެންޑުގެ ނޮންތަންބުރީގައި ކުރިއަށްދާ އިރު، މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ.

އެމެޗާ ގުޅިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު ސުޒޭން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދުގެ ނަތީޖާއަކީ ތަފާތު ބޮޑު ނަތީޖާއެއް ނަމަވެސް ކުރިއަށް ދިޔުމަށް ލިބުނު ފުރުސަތުތަކުގެ ފެށުމެއް ކަމަށެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބުތަކުގެ އިތުރުން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަންވެސް ކުރި ސުޒޭން ބުނީ ދިވެހި އަންހެން ފުޓްސަލް ޓީމުން ކުރި ހިތްވަރަށް ސާބަސް ދޭ ކަމަށާއި، ޓީމުން އިސްދަށަށް ޖަހާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެއާއެކު ސުޒޭން ބުނީ ފުޓްސަލްގައި ކާމިޔާބީއާ ހަމައަށް ދެވޭނެ މަގުތައް އެބަހުރި ކަމަށާއި، ހުރިހާ އިދާރާތަކުންވެސް އެ މަގުތައް ހޯދަން ޖެހޭ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ކުރަންވީ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ އިންޑޯ ފުޓްސަލް ކޯޓެއް ތަރައްގީ ކުރުން ކަމަށެވެ.

ސުޒޭން ވަނީ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ މަސައްކަތް ފާހަގަކޮށް މަރުހަބާ ކިޔައިފައެވެ.

ރާއްޖޭގެ އަންހެން ޓީމުން ޕްރެކްޓިސްތަކަށް އިންޑޯއެއް ހަމަނުޖެހި، އެކަމުގެ އުނދަގޫތައް ކުރިމަތިވިއެވެ. އަދި ޓީމަށް އޮތް އެންމެ ބޮޑު ޗެލެންޖެއްގެ ގޮތުގައި ކޯޗު އާތިފް މުހައްމަދު (އާތީ)ވެސް ފާހަގަކުރީ އިންޑޯގެ ތަމްރީނުތައް ނުލިބުމެވެ.

ހުޅުމާލޭގައި ގާއިމުކުރަން މަސައްކަތްކުރާ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސް އަޅަން މިދިޔަ އަހަރު ބިން ހަވާލުކުރި ނަމަވެސް އަދި އެކަމުގެ އަލިމަގެއް ފެނިފައެއް ނުވެއެވެ.