ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނަށް ނުކުތް އިރު، ވަރުގަދަ ކުޅުންތެރިންތަކެއް ސޮއިކޮށް، ބިދޭސީ ކުޅުންތެރިން ތިބުމުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތީ "ވަރަށް ގަދަކޮށޭ" ބަޔަކު ބުނި ނަމަވެސް، މިއީ އަދި ޓީމެއް ބިނާކުރާ މަރުހަލާ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ނިއު މިފަހަރު ސީޒަނަށް ނުކުތީ މެދުކެނޑުމަކަށްފަހުއެވެ. މި ސީޒަނުގެ ލީގުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗަކީ 2019 ވަނަ އަހަރަށްފަހު ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އެފްއޭއެމްއިން 2019 ވަނަ އަހަރު ނިއު ސަސްޕެންޑް ކޮށްފައިވާ އިރު، އޭގެ ފަހުން ކުޅުމަށް އެނބުރި ނުކުތީ 2022 ވަނަ އަހަރުއެވެ. އޭގެފަހުން ދެފަހަރު ދެވަނަ ޑިވިޝަން ކުޅުނު ނަމަވެސް ނިއު ޕްރޮމޯޓްވެފައެއް ނުވެއެވެ.
ނިއު މިފަހަރު ފުރަތަމަ ޑިވިޝަނަށް ނުކުތީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަން ދޫކޮށްލުމުން، އެޓީމުގެ ބަދަލުގައެވެ.
ފުރަތަމަ ޑިވިޝަނަށް އަލުން ނުކުންނަން ނިއުއިން ވަނީ ވަރުގަދަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފައެވެ. މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން އެއްވެސް މެޗަކުން ނިއު ބަލިވެފައި ނުވާ އިރު، އެޓީމަށް ޕޮއިންޓް ގެއްލިފައިވަނީ މެޗަކުން އެއްވަރުވެގެންނެވެ.
"ފަށައިގެން އައި އިރު، ގައުމީ ޓީމުގެ ތިން ކުޅުންތެރިންނާއި ބޭރު ކުޅުންތެރިން ތިބީމަ އެންމެ ހިސާބު ޖެހީ ނިއު ރޭޑިއަންޓް ވަރަށް ގަދަވާނެ ކަމެއް. އެކަމަކު ވިސްނާލަން ޖެހޭ، އަޅުގަނޑުމެން އަދި ޓީމެއް ބިނާކުރަނީ. އަލުން ފަށައިގެން މަޑުމަޑުން މި ޓީމެއް ބިނާކުރަނީ. އަލްހަދުﷲ، ކުޅުންތެރިންގެ މަސައްކަތާއެކު އެކަން ވަރަށް ރަނގަޅަށް މިދަނީ،" އެންމެފަހުން ބުރު ސްޕޯޓްސް ކްލަބު ކައިރިން މޮޅުވި މެޗަށްފަހު ސުޒޭން ބުންޏެވެ.
ލީގުގެ ހަތްވަނަ ހަފުތާގެ މެޗުތައް ފެށިގެން ކުރިއަށްދާ އިރު، މި ހަފުތާ ނިއުއިން ނުކުންނަން ޖެހޭނީ ކްލަބު ގްރޯން ސްޓްރީޓްސްއާ ދެކޮޅަށެވެ. އެޓީމަކީ ތާވަލުގެ ފުލުގައި އޮތް ޓީމެވެ. މިހާތަނަށް ގްރީނަށް ހޯދުނީ އެންމެ މޮޅެކެވެ.
"ގްރީން ޕޮއިންޓް ޓޭބަލްގައި އޮތް ހިސާބާ، ބައެއް މެޗުތަކުގައި ދިމާވި ހާލަތްތަކާ، އެ ކަންކަމަކީ އަސްލު ހާލަތެއް ނޫން. އެއީ މުޅިން އެހެން އެއްޗެއް. އެއަށް ވިސްނައިގެން ނުކުންނާނީ." ގްރީނާ ގުޅޭ ގޮތުން ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ލީގުގައި މިހާރު ހުރި ޓީމުތަކަކީ، އެ ޓީމެއްގެ ރަނގަޅު ދުވަހެއްގައި ވަރަށް ޗެލެންޖިން ޓީމުތަކެއް ކަމަށާއި، ހަމައެކަނި ހަރުފަތެއް ކުރީގައި އުޅެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަމަށެވެ.
ނިއުއިން ގްރީނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 3:50 ގައެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު