"އަޅުގަނޑުމެންނަކީ ވިކްޓްރީ މެޗަކުން ބަލިވީމަ، ގެއަށް ގޮސް ބަންޑުން އޮށޯވެ ރޯން ތިބި ޖީލުގެ މީހުން. އޭރު ދެން ނިއު ރޭޑިއަންޓަކީ ވިކްޓްރީ ސަޕޯޓަރުންނަށް ވާދަވެރިޔަކަށްވުރެ ބޮޑަށް ހަތުރެއް،" މިހާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު އަލީ ސުޒޭން، މި ސީޒަނަށް އެ ކްލަބާ ހަވާލުވެ ދެއްކި ފުރަތަމަ ވާހަކަތަކުގައި ބުންޏެވެ.
ސުޒޭނުގެ މުޅި ފުޓުބޯޅަ ހަޔާތުގެ 40 އަހަރު ހޭދަކުރީ އަވަށު ލޯބީގައި ވިކްޓްރީގައެވެ. އޭނާ ވަނީ ވިކްޓްރީއަށް އެތައް ކާމިޔާބީއެއް ހޯދައިދީ، ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް ކޯޗަށްވެފައެވެ. 2002 ވަނަ އަހަރު ކޯޗިންނަށް ނުކުތީ ވެސް ވިކްޓަރީންނެވެ. ކުޅުނުއިރު ވެސް އެ ޖާޒީ ލިއެވެ.
އެ ހުރިހާ ޖަޒުބާތުތަކެއް ހުރަސްކޮށް، ނިއު ރޭޑިއަންޓާ ހަވާލުވުމުން ސަޕޯޓަރުންގެ ހިޔާލު ދެކަފިވެގެން ދިޔަ ހާލަތްތައްވެސް އައި ކަމަށް ސުޒޭން ބުނެފައިވެއެވެ. ކޮންމެއަކަސް މިއަދު ހަވީރު މިއޮތީ ނިއު ރޭޑިއަންޓްގެ ކޯޗުކަމުގައި ސުޒޭނަށް ފުރަތަމަ މެޗެއް ނޫނެވެ. އެހެން ނަމަވެސް، ތަފާތު އަސަރެއް ކުރުވާނެ މެޗެއްކަން ޔަގީނެވެ.
ދިވެހި ފުޓުބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން މިއަދު އަނެއްކާވެސް ގައުމީ ދަނޑުން ފެންނާނެއެވެ. "ރަސްވާދަ" އެވެ. "ރަސްވާދަ" އަކީ ނިއު ރޭޑިއަންޓް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ވާދަވެރިކަމަށް ދެވިފައިވާ ހާއްސަ ނަމެކެވެ.
ކާމިޔާބީތަކުން ޖަރީވެފައިވާ ދެޓީމުވެސް ދެވަނަ ޑިވިޝަނުގައި އޮތް އޮތުން ނިމުމަކަށް އައިސް، އަލުން އަނބުރާ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކުރިމަތިލަނީއެވެ. އެންމެފަހުން ކުޅުނު "ރަސްވާދައިގެ" ދެ މެޗުވެސް ވެގެންދިޔައީ ދެވަނަ ޑިވިޝަނުގެ މެޗުތަކަށެވެ. މިއީ 2018 ވަނަ އަހަރު އޮކްޓޫބަރު މަހު 30 ވަަނަ ދުވަހަށްފަހު ނިއު ރޭޑިއަންޓާއި ވިކްޓްރީ، ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ މެޗެވެ.
ކާމިޔާބީގެ ދެޓީމަށް ހާއްސަ ކާމިޔާބު ޖާޒީތަކެއް
ވިކްޓްރީ ވަނީ ޑޮމެސްޓިކް ޓްރެބަލް ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ. އެއީ 2000 އަދި 2001 ވަނަ އަހަރުގައެވެ. ވިކްޓަރީ ވަނީ ރާއްޖޭގެ ޑޮމެސްޓިކް 33 ތަށި ހޯދުމުގެ އިތުރުން 1989 ވަނަ އަހަރުގެ ޕޮމިސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.
ގައުމީ ލީގުވެސް 23 ފަހަރަށް ކާމިޔާބުކުރި ވިކްޓަރީއަށް ފުޓުބޯޅައިގެ ރާސްތާ ބަނަވާން ފެށީ 2013 ވަނަ އަހަރު ކްލަބަށް އައި ކުއްލި ލޮޅުމަކާ އެކުގައެވެ. އެ ހިސާބުން ދެވަނަ ޑިވިޝަނުގައިވެސް ކުޅެ، މިހާރު އަނބުރާ އައީ ވަރުގަދަ އިންވެސްޓަކާއެކުގައެވެ.
އަނެއްކޮޅުންވެސް ހަމަ އެ މަންޒަރެވެ. ރާއްޖޭގެ އެންމެ ގިނަ ތަށި ހޯދި ނިއު ރޭޑިއަންޓަކީ ހަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ހޯދި ޓީމެކެވެ. 2012 ވަނަ އަހަރު ލީގު ނެގީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. 12 ފަހަރު އެފްއޭ ކަޕް، ތިން ފަހަރު ޕޮމިސް ކަޕް ކާމިޔާބުކުރި ނިއު ވަނީ 12 ފަހަރަށް ޕްރެސިޑެންޓްސް ކަޕްވެސް ނަގައިފައެވެ.
އެ ކްލަބު ސަސްޕެންޝަނުން ފަހަނައަޅައި، "ވައިލްޑް ކާޑް"އެއްގައި މިފަހަރު އަނެއްކާވެސް ފުރަތަމަ ޑިވިޝަނަށް ނުކުތީއެވެ.
މިފަހަރުގެ "ރަސްވާދަ" މެޗަށް އާދަޔާ ހިލާފަށް ސަމާލުކަން ބޮޑުވެފައިވާ އެއް ސަބަބަކީ ޖާޒީއެވެ. މެޗުގައި ނިއު ރޭޑިއަންޓުން ލާނީ އެޓީމުން ގައުމީ ތަށި އެންމެ ފުރަތަމަ އުފުލާލި އަހަރު ކަމަށްވާ 1982 ގައި ބޭނުންކުރި، ފެއްސައި ހުދުގެ ހުރަސް ރޮނގު ދެމި ޖާޒީގެ ފަރުމާއެކެވެ. އެ ޖާޒީ ގަންނަން ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ސަޕޯޓަރުންގެ މަގުބޫލުކަން ޖާޒީއަށް ލިބުނު ކަމަށް ކްލަބުން ބުނެފައިވެސް ވެއެވެ.
އަނެއްކޮޅުން ވިކްޓްރީން އެކަމަށް ރައްދު ދޭން ނުކުންނަނީ 1985 ގައި ތަށި މިލްކުކުރިއިރު، އެޓީމުން ބޭނުންކުރި ޖާޒީގެ ފަރުމާއެއްގައެވެ. އެއީ ނިއު ރޭޑިއަންޓް ބަލިކޮށް ތަށި މިލްކް ކުރި ފަހަރެކެވެ. އެކަން އެ ކްލަބަށް ހާއްސަވާނީ 40 އަހަރު ފުރޭ އަހަރަށްވެސް ވީތީއާއެކުގައެވެ. އެއަށްވުރެ ބޮޑަށް ވާދަވެރިކަމަކަށެވެ.
ސުޒޭނަށް ހާއްސަ: ވިކްޓްރީއަށް މިހާރުގެ ލޯގޯ ގެނެސްދިނީވެސް އޭނާ
"ވިކްޓްރީއަކީ އަޅުގަނޑުގެ ވަރަށް ގިނަ އެމޯޝަނަލް ކަންތައްތަކެއް ގުޅިފައިވާ ކްލަބެއް. މިހާރު އެ ޖަހާލައިގެން ނުކުންނަ ލޯގޯއަކީވެސް އަޅުގަނޑު ގެނައި ބަދަލު. އެހެންވީމަ އެ ލޯގޯ ފެނުނީމަވެސް އަޅުގަނޑަށް ހަނދާންވާނެ އެއީ އަމިއްލައަށް ކުރި މަސައްކަތެއްކަން. އެކަމަކު އަޅުގަނޑު މިހާރު މިހުރީ ރާއްޖޭގެ އެންމެ ބޮޑު ކްލަބާއެކު ޕްރޮފެޝަނަލް މަސައްކަތެއް ކުރަން، އެ ކްލަބާއެކު. އެހެންވީމަ ފޯކަސް ހުރީ ނިއު ރޭޑިއަންޓާއެކު މެޗު ކާމިޔާބުކުރުމަށް،" ސުޒޭން މެޗުގެ ކުރިން ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
ނިއުގެ ބެންޗުގައި ހުރެ، ވިކްޓްރީ ބަލިކުރުމަށް ދޭން ޖެހޭ އިރުޝާދު ދޭން އޭނާއަށް ފަސޭހައެއްވެސް ނުވާނެމެއެވެ. ސުޒޭން ބުނީ ވިކްޓްރީގެ ހާލަތު ރަނގަޅުވުމުން އުފާކުރި ނަމަވެސް، ބަލިކުރުން ނޫން އެހެން އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
އެ ހުރިހާ ޖަޒުބާތެއްގެ ތެރެއިންވެސް ސުޒޭން ޕްރި މެޗު ޕްރެސް ފެށީ، ލީގުގެ ވާދަވެރިކަމަށް ބަޔަކަށް ރައްދު ދެމުންނެވެ. މާ ބޮޑަށް ވިކްޓްރީއަށް ފޯކަސް ކުރަން އޭނާ ތަކުރާރުކޮށް މައުލޫ އޮޅުވާލީ ކަމަށްވެސް ވެދާނެއެވެ.
"ހިނގާ އިހަށް ވިކްޓްރީއާއި ނިއު ރޭޑިއަންޓްގެ ވާހަކަ ދޫކޮށްލަމާ!. ލީގުގައި ބްރޭކަށް ދިޔުމުގެ ކުރިން އޮޑިއާ ވިކްޓްރީ ކުޅުނު މެޗު، ބުރާއި މާޒިޔާ ކުޅުނު މެޗު. ފުޓުބޯޅައިގައި ބައެއް ތަޖުރިބާކާރުން ކަމަށް އަމިއްލައަށް ބުނާ މީހުން ބުނޭ ފުޓުބޯޅަ ދަނީ ދަށަށޭ. އެެކަމަކު އެ ދެމެޗު ބަލާފަ އެހެން ބުނެގެން ނުވާނެ،" ސުޒޭން ބުންޏެވެ.
ސުޒޭން އިތުރަށް ބުނީ ހީވެސް ނުކުރާ ވަރަށް ލީގު ވާދަވެރި ކަމަށާއި، ލީގަށް ފޯރިއާއި ރޫހުވެސް ވަރުގަދައަށް އަތުވެއްޖެ ކަމަށެވެ. އެ ވާހަކައަށްފަހު ނިއުއާއި ވިކްޓްރީގެ ވާހަކަ ދައްކަމުން ސުޒޭން ބުނީ "އެއް ދުވަހު މެންދުރުފަހުން އަލުން އަނބުރާ ފޯރި ނުގެނެވުނު ނަމަވެސް، އެކަން އަލުން ވާނެ،" ކަމަށެވެ.
އެގޮތުން ކޯޗު ސުޒޭން ބުނީ ސަޕޯޓަރުން ދަނޑަށް ނުވަންނަނީ ވިކްޓްރީއާއި ނިއު ރޭޑިއަންޓް ދެކެ ރުޅި އައިސްގެން ނޫން ކަމަށާއި، ފުޓުބޯޅައިގެ ހިންގުން ބޮއްސުންލައިގެން ދިއުމުން ކަމަށެވެ. މިހާރު މިދާ ހާލަތުން މެޗުތައް ރަނގަޅުވުމުން ސަޕޯޓަރުން އަނބުރާ ދަނޑަށް ވަންނާނެ ކަމަށްވެސް އެނާ ބުންޏެވެ.
"ދަނޑަށް ވަންނާނެ ރީޒަންސް ދައްކައިފިއްޔާ ސަޕޯޓަރުން ދަނޑަށް ވަންނާނެ،" ސުޒޭން ބުންޏެވެ.
ވިކްޓްރީގެ އާ ކޯޗަށް ފުރަތަމަވެސް ޖެހުނީ ސީޒަނުގެ އެންމެ މުހިއްމު މެޗު
ވިކްޓްރީން "ރަސްވާދަ"އަށް ނުކުންނާނީ އެޓީމަށް އަލަށް ގެނެސްފައިވާ ސްލޮވާކިއާގެ ކޯޗު ޖޯޖްލީ ގެރީއާއެކުގައެވެ. ކޯޗަށްވެސް މިހާރު ވިސްނިފައި އޮތީ ނިއު ރޭޑިއަންޓް މެޗަކީ ތާރީހަށްޓަކައި، އެ ކްލަބަށް މި ސީޒަނުގެ އެންމެ މުހިއްމު މެޗުގެ ގޮތުގައެވެ.
"އަހަންނަށް މި ނުކުންނަން ޖެހެނީ ސީޒަނުގެ އެންމެ މުހިއްމު މެޗަށް. އަހަންނަށް ފެނުނީ ނިއު ރޭޑިއަންޓްގެ ކުޅުން. އެޓީމުން މިހާރު ނެރުނު ނަތީޖާތަކުން މެޗުގެ އުނދަގޫކަން ބުނެދޭ،" ޖޯޖްލީ ބުންޏެވެ.
އެހެން ބުނުމަށްފަހު ކޯޗު ޖޯޖްލީ ބުނީ ވިކްޓްރީ ތަމްރީނުތަކުގައި ތަފާތު ކަމަށާއި، އެ މަސައްކަތު ރޭޓް މެޗުގައި ދައްކައި، ތަފާތު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"އަހަރެމެން ނަތީޖާ ބޭނުން. އެކަން ކުރަން މަސައްކަތް ކުރެވެން އޮތް ހުރިހާ ގޮތަކަށް ކުރާނަން،" ޖޯޖްލީ ބުންޏެވެ. ޔޫއެފާ ޕްރޯ ލައިސަސް ކޯޗު ބުނީ ޓެކްޓިކްސްއަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި، ދަނޑުމަތިން އޭނާ ގެންނަން ބޭނުންވާ ބަދަލު ފާހަގަވާނެ ކަމަށެވެ.
"އަހަރެމެންނަށް އެނގޭ ނިއު ރޭޑިއަންޓްގެ ވަރުގަދަ ކަންކަން. އެކަންކަން ހުއްޓުވައި އަހަރެމެން ބަލާނީ އެޓޭކްގައި ސަޕްރައިޒެއް ދޭން،" ޖޯޖްލީ ބުންޏެވެ.
ތަފާތު އިހުސާސްތަކެއް ފެނިގެންދާނެ މެޗެކެވެ. ތާރީހީ، ކާމިޔާބު، ރަން ތަށީގެ ދެ ބާރުގެ ވަރުގަދަ ކުރިމަތިލުމެކެވެ. ނިއު ރޭޑިއަންޓާއި ވިކްޓްރީގެ ކުރިމަތިލުންތަކަށް "ވަރުގަދަ" މި ލަފުޒު ބޭނުން ނުކުރެވޭތާ ދުވަސްތަކެއްވެފައި އޮތް ނަމަވެސް، މިފަހަރުގެ މެޗަށް އެ ލަފުޒު ރަނގަޅު ކަމަށް ފެނެއެވެ. އަހަރުތަކެއްފަހުން ދެޓީމުވެސް އޮތީ ރަނގަޅު ވާދަވެރިކަމެއްގައެވެ. މިފަހަކަށް އައިސް، މެޗެއްގެ ކުރިން "ހައިޕް" ނުވާ ވަރަށް މެޗު ވަނީ ވައިގައި ހިފައިފައެވެ. އިންތިޒާރުކުރަމާ ހިނގާށެވެ. މެޗު ފަށާނީ މިއަދު ހަވީރު 3:50 ގައެވެ.
މުޙައްމަދު ޝަމްޢޫން
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން