ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެ މައްސަލައިގައި ޖަވާބުދާރީވާން އޭނާއަށް ފުރުސަތު ދިނުމަށް އެ ކޮމިޓީން ނިންމައިފިއެވެ.
އެ މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޖަވާބުދާރީވުމަށް އަލީ އާދަމަށް ފުރުސަތު ދިނުމަށް ހުށެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. އަލީ އާދަމްގެ މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑްވެސް ކޮށްފައެވެ. މީގެ ކުރިންވެސް އަލީ އާދަމްއާ ގުޅޭ އެފަދަ މައްސަލައެއް ޖޭއެސްސީން ވަނީ ބަލައިފައެވެ.
އެ މައްސަލައާ ގުޅިގެން މި އަހަރުގެ މެއި 25 ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށްވެސް އަލީ އާދަމަށް އަންގައި ސަސްޕެންޑް ކުރިއެވެ. އޭނާ މިހާރުވެސް ހުރީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައެވެ.
އޭނާ މަގާމުން ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު، އޭނާ ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމައި، މަޖިލިސް ތަޅުމަށް ރިޕޯޓު ހުށަހެޅުމުން މަޖިލިސް ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު