މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ކުރަމުން އަންނަ މަސައްކަތް، ގަތަރުގެ ބޭންކަރު ޝެއިހް ޖަސީމް ބިން ހަމަދު އަލް ސާނީ ހުއްޓާލައިފިއެވެ.
ޖަސީމް ޔުނައިޓެޑް ގަތުމަށް ފަސް ބިލިއަން ޕައުންޑްގެ ބޮޑު ބިޑެއް ހުށަހެޅި ނަމަވެސް، އެ ބިޑްގައިވާ ކަންކަމަށް ޔުނައިޓެޑްގެ މިހާރުގެ ވެރިން ކަމަށްވާ ގްލޭޒާސް އާއިލާއާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަދި އެ މަޝްވަރާތައް އިއްޔެ ވަނީ ހުއްޓިފައެވެ.
މިވަގުތު ޔުނައިޓެޑްގެ ވެރިންގެ ގޮތުގައި ތިބި ގްލޭޒާސް އާއިލާއިން މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން ނިންމާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ކޯ ޗެއާމަނުން ކަމަށްވާ ޖޯލް ގްލޭޒާ އަދި އަވްރަމް ގްލޭޒާ ވިދާޅުވެފައި ވަނީ ކްލަބުގެ ހިންގުމަށް ވިޔަފާރީގެ ބަދަލުތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އާ އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށް، ކްލަބު ވިއްކާލުމަށްވެސް ބަލަމުން އަންނަ ކަމަށެވެ.
އޭގެ ފަހުން ބިޑުކުރުމުގެ މަރުހަލާތަކެއް ކުރިއަށް ގޮސްފައިވާ އިރު، ޖަސީމާއެކު ދެން ބިޑްކުރީ އިނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްކްލިފެވެ. ރެޓްކްލިފަށްވެސް ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާ ވިއްކުމަށް ގްލޭޒާސް އާއިލާއާއެކުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ.
އެގޮތުން ކްލަބުގެ 25 ޕަސެންޓް ހިއްސާ، ރެޓްކްލިފަށް ވިއްކާލުމަށްފަހު ޑީލް ނިންމާލުމަށް ގްލޭޒާސް އާއިލާއިން މަޝްވަރާތައް ފައިނަލް ކުރަމުން އަންނަ ކަމަށްވެސް އިތުބާރު ނޫސްތަކުން ބުނެފައިވެއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޖަސީމަށް ޔުނައިޓެޑް ވިއްކަން ގްލޭޒާސްއިން ބޭނުން ނުވީ ކްލަބު އެއްކޮށް ގަންނަން ބިޑް ކުރުމުންނެވެ. ޖަސީމްގެ ބިޑްގައި ކްލަބުގެ ދަރަނި އެއްކޮށް ހަލާސްކޮށް، 1.4 ބިލިއަން ޕައުންޑް އާ ސްޓޭޑިއަމަކާއި ތަމްރީނު ކުރާ މަރުކަޒުގެ ވަސީލަތްތައް ރަނގަޅު ކުރުމަށް ބޭނުންކުރާނެ ކަމަށްވެސް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ކްލަބުގެ ޓްރާންސްފާތަކަށްވެސް ބޮޑު އަދަދަކުން ހަރަދުކުރުމަށް ޖަސީމް ހުށަހަޅާފައިވެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް