މިވަގުތު އެފްއޭއެމްއަށް ކުރިމަތިވެފައިވާ ޕްރެޝަރާ އެކުވެސް އިސްތިއުފާ ދިނުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ދިވެހި ފުޓުބޯޅަ ފެއިލްވެ، ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ އިރު، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. އޭގެ އިތުރުން ދަރަނީގެ ބޮޑެތި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ އިރު، އެފްއޭއެމްގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.
އެކަމުގެ ސަބަބުން އެފްއޭއެމްގެ ވެރިންނަށްވެސް ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވާ އިރު، ކްލަބުތަކަށްވެސް އޮތީ އިތުރު ގޮތެއް ހޯދަން މަޖުބޫރުވެފައެވެ. ކްލަބުތަކުން ސީދާ ހަރަކާތަކަށް އަދި ނުނިކުތް ނަމަވެސް، އެފްއޭއެމްގައި ތިބި ބައެއް ކްލަބުތަކުގެ ވެރިން ވަނީ މަގާމުންވެސް އިސްތިއުފާ ދީފައެވެ.
އެގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އެފްއޭއެމް ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު، އެކްސްކޯގައި ހިމެނޭ ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިއަތު ހަލީމް (މުއާބެ) ވެސް ވަނީ އިސްތިއުފާ ދީފައެވެ. އެފްއޭއެމްގެ ރައީސްކަން ބަދަލުކުރަން ކްލަބުތަކުން މަސައްކަތްތަކެއް ކުރަމުން އަންނަތަން ކޮންމެވެސް ވަރަކަށް ފެންނަ އިރު، އެ މަގާމަށް އަލީ އަޝްފާގު (ދަގަނޑޭ) ގެންނަން ހާއްސަ ކެމްޕޭނެއްވެސް ވަނީ ފަށައިފައެވެ.
އެ ވާހަކަތަކާއެކު ބައްސާމް އިސްތިއުފާ ދެއްވާނެ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކުމުން "ވަން ސްޕޯޓްސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ "އަންނަ އަހަރު އެފްއޭއެމްގެ އިންތިހާބު އޮންނާނެ،" ކަމަށާއި، "ކަންކަން ނިންމާނީ އިންތިހާބުން،" ކަމަށެވެ.
ބައްސާމްގެ އެ ވާހަކައާއެކު، އިސްތިއުފާ ދެއްވުމުގެ ޝައުގުވެރިކަމެއް ނުގެންގުޅުއްވާކަން ދޭހަވެއެވެ. އަދި މިހާރުގެ ހާލަތު އޮތް ގޮތުންވެސް މަގާމު ދޫކުރައްވަން ނުވިސްނަވާކަން އެނގެއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ