ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މާ އުނދަގޫކަމެއްނެތި، ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި މިހާރު ކުރިއަށް އެ ދަނީ، ސަރުކާރާ ހަވާލުވެވަޑައިގަތުމުގެ މަސައްކަތްތަކެވެ.
މިފެށޭ ވެރިކަމުގެ ފަސް އަހަރުގެ ދައުރާއި ކުރިއަށް އޮތް ފަސް އަހަރުގެ ދައުރާއެކު ޖުމުލަ 10 އަހަރު ޑރ. މުއިއްޒު ވެރިކަން ކުރައްވާނެ ކަމަށް އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، ޕީއެންސީން އިއުލާނު ކުރުމާ ގުޅިގެން ކޯލިޝަން ތެރޭގައި ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައެވެ.
މިދިޔަ ބުރާސް ފަތި ދުވަހު ބޭއްވި ނިއުސްކޮންފަރެންސްގައި، ޕީއެންސީގެ ކުރީގެ ރައީސް އަދި މިހާރުގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޑރ. މުއިއްޒު ވަޑައިގަންނަވަނީ 10 އަހަރުދުވަހުގެ ވެރިކަމެއް ކުރައްވަން ކަމަށެވެ.
"އަޅުގަނޑުމެން މި ފަސް އަހަރު ފަހުން އަނެއްކާވެސް ޑރ. މުއިއްޒު ގޮވައިގެން އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން ޑރ. މުއިއްޒާ އެކީގަ" އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ކަންތައްތައް ކުރުމަށް، ގާނޫނީ ގޮތުން އުފައްދާފައިވާ ޓްރާންސިޝަނަލް ކޮމިޓީގެ ވެސް ޗެއާމަން އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން ފަސް އަހަރު މަދު ކަމަށާއި އެ ތަރައްގީ ގެނެވޭނީ އެއް ފިކުރެއްގެ ބޭފުޅުންތަކެއް 10 އަހަރު ވެރިކަން ކޮށްގެން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ މިވާހަކަތަކާ ގުޅިގެން ނުތަނަވަސްކަން އުފެދުނީ، މިފަހަރުގެ އިންތިހާބުގައި، ޕްރޮގްރެސިވް ކޯލިޝަނުން ވާދަ ކުރައްވަން މަސައްކަތް ކުރައްވައިގެން ނާކާމިޔާބުވެ ވަޑައިގެންނެވި، ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުންގެ މެދުގައެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އިލެކްޝަންސް ކޮމިޝަނަށް ފުރަތަމަ ފޯމު ހުށަހެޅުއްވީ ރައީސް ޔާމީނެވެ. ނަމަވެސް ކޮރަޕްޝަނާއި މަނީލޯންޑާ ކުރުމުގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމައި އެ މަނިކުފާނުގެ ކެންޑިޑޭންސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރީއެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވެސް ވަކާލާތު ކުރިއެވެ. ނަމަވެސް މި އަހަރުގެ ހައެއް އޯގަސްޓްގައި އެ ކޯޓުންވެސް ނިންމީ، އިލެކްޝަންސް ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށެވެ.
އެހިސާބުން އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވިއެވެ. ނަމަވެސް އެކަމާ ގުޅިގެން ޕީޕީއެމްގެ ސެނެޓްގެ ބައްދަލުވުމެއް ހަމަ އެދުވަހު ބާއްވައި، ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރަން ސެނެޓުން ނިންމިއެވެ. އެއީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ކުރެވޭގޮތް ނުވެއްޖެ ނަމަ ބެކަޕެއްގެ ގޮތުގައި، ޕްރޮގްރެސިވް ކޯލީޝަންގެ ކެންޑިޑޭޓެއްގެ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް، އޯގަސްޓް ތިނެއްގައި ޕީއެންސީގެ ސެނެޓުން ޑރ. މުއިއްޒަށް ރިޔާސީ ޓިކެޓް ދީފައި އޮތުމާވެސް އެކުގައެވެ. ނަމަވެސް އޭގެ ފަހުން ރައީސް ޔާމީން ވަނީ ޑރ. މުއިއްޒު އެންޑޯސް ކުރައްވައިފައެވެ.
އެހެންކަމުން ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަނީ، ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމީޔާބު ކުރެއްވީ ރައީސް ޔާމީންގެ އެންޑޯޒްމެންޓާއެކު އެ މަނިކުފާނުގެ ފޮޓޯފުޅު ވިއްކަވައިގެން ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޑރ. މުއިއްޒުގެ ފަރާތްޕުޅުން ކޮންމެވެސް ވަރަކަށް ރާގު ބަދަލުވަމުންދާ ކަމަށްވެސް ރައީސް ޔާމީނުގެ ސަޯޓަރުން މިހާރު ގެންދަނީ ތުހުމަތު ކުރަމުންނެވެ.
"ވެރިކަން ލިބިވަޑައިގެންނެވި ގޮތާމެދު މުއިއްޒު ވިސްނަވަން ޖެހޭނެ، ނަމަވެސް މިހާރު މުއިއްޒު ސައިޑުގެ ބައެއް ބޭފުޅުންގެ ރާގު ބަދަލުވަމުން އެބަދޭ، ރައީސް ޔާމީން ބާކީވާގޮތަށް. އެއް ގޮތަކަށްވެސް އެހެން ވެގެން ނުވާނެ، ވެރިކަން ހިންގުމުގައިވެސް ރައީސް ޔާމީންގެ ލަފާ އޮންނަންވާނެ، ކެބިނެޓް އެކުލަވައިލުމުގައިވެސް ރައީސް ޔާމީންގެ ލަފާ އޮންނަންވާނެ،" ރައީސް ޔާމީނަށް ސަޕޯޓު ކުރައްވާ ޕީޕީއެމްގެ އިސް އޮފިޝަލަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވަން އޮންލައިނަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދައުރު ވެސް ޑރ. މުއިއްޒަށް ދޭންޖެހޭ ގޮތަށް މިހާރު ވާހަކަ ދައްކާއިރު، ކުރިން ނިންމާފައި އޮތީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު ދެން އަންނަ އިންތިހާބެއް އެ މަނިކުފާނަށް ކާމިޔާބުކޮށްދޭން މަސައްކަތް ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް އެގޮތަށް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ނުކުރެއްވި އުޅެނިކޮށް މިހާ އަވަހަށް ދެވަނަ ދައުރެއްގެ ވާހަކަ ދެއްކެވުމަކީ ހައިރާންވާކަމެއް ކަމަށެވެ. އެއީ އެހެން ބޭފުޅަކު އެކަމާ ގާތް ނުވުމަށް ދެއްވި ފާޑެއްގެ އިންޒާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންތިހާބީ ރައީސް، މުއިއްޒުގެ ކެބިނެޓް އެކުލަވައިލުމާބެހޭގޮތުން އަދުރޭ ދެއްކެވި ވާހަކަތަކާ ގުޅިގެންވެސް އޭނާ ފާޑުވިއެވެ. ރައީސް މުއިއްޒުގެ ކެބިނެޓް އެކުލަވައިލުމާބެހޭ ލަފާފުޅެއްގެ ގޮތުން، ކެބިނެޓްގައި ހިމެނުމަށް ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ލިސްޓެއް ފޮނުއްވި ކަމަށާއި، ނަމަވެސް އެ ލިސްޓަށް މުއިއްޒު އަމަލު ނުކުރައްވައި ރިޖެކްޓް ކުރެއްވިކަމަށް ދެކެވޭ ވާހަކަތަކާބެހޭގޮތުން ކުރެއްވި ސުވާލަށް އަދުރޭ ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ކެބިނެޓް އެކުލަވައިލުމަކީ ގާނޫނުއަސާސީގެ 115 އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ އިއުތިޔާރެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި "އެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާނީ، އެއަކަށް ނުޖެހޭނެ އެހެން ބޭބޭފުޅުން އަޅުގަނޑުވިޔަސް އަދި އެހެން ބޭފުޅެއް ވިޔަސް ލިސްޓު ހަދާފައި ފޮނުވުން، އެއީކީ އެކަން އޮންނަގޮތެއްނޫންކަން ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ކަމަށެވެ.
އަދުރޭ ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ވެރިކަން ހަވާލުކުރީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ކަމަށާއި، އިންތިހާބުގައި ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެންނެވީ އެ މަނިކުފާނު ކަމަށާއި، ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވީވެސް އެ މަނިކުފާނު ކަމަށެވެ. އެހެންކަމުން އެ މަނިކުފާނު ކެބިނެޓް އެކުލަވައިލައްވާނީ، އެ މަނިކުފާނަށް 100 ޕަސެންޓް އިތުބާރު ކުރެއްވޭ، ބަޔަކާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަނީ، އަދުރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިއްޖެ ކަމަށެވެ.
"މިހާރު ރައީސް ޔާމީން ބަހައްޓަވާނެ ހިސާބަކާމެދު މިވަނީ ސުވާލު އުފެދިފަ، އެ ވާހަކަތަކަށް ބަލާއިރު، ރައީސް ޔާމީން މިނިވަން ކުރެވިދާނެ ކަމާމެދުވެސް މިހާރު ސުވާލު އުފެދޭ،" އޮފިޝަލް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ސައިޑު ނަންގަވައިގެން ހުންނެވި އެހެން ބޭފުޅަކު ވިދާޅުވީ އެބޭފުޅުން މިހާރު ތިއްބެވީ، ރައީސް މުއިއްޒު ސަރުކާރު އެކުވައިލައްވާ ގޮތެއް ބެއްލެވުމަށްކަމަށެވެ. މިހާރު ހިނގަމުންދާ ކަންތައްތަކާބެހޭގޮތުން ވާހަކަ ދައްކަން ފަށާނީ، ސަރުކާރު އެކުލަވައިލައި ސަރުކާރު ހިންގަން ފެށުމުން، ދެން ކަންތައް ދާގޮތަކުން ކަމަށްވެސް ވިދާޅުވިއެވެ. މިވަގުތު ބޭނުންވަނީ ސަރުކާރު އެކުލަވައިލުމުގެ ފުރިހަމަ އިހުތިޔާރު ރައީސް މުއިއްޒަށް ދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުއަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމާބެހޭގޮތުން އަދުރޭ ދެއްކެވި ވާހަކަތަކާމެދު ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ހިތްހަމަ ނުޖެހުނު ނަމަވެސް، އެ ވާހަކަތައް ޕީއެންސީގެ އޮފިޝަލަކު ވަނީ ދިފާއު ކުރައްވައިފައެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވަން އޮންލައިނަށް އޭނާ ވިދާޅުވީ، ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަން އަވަހަށް ހާމަ ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.
"އެކަމުގެ ސަބަބުން ދެން އަންނަ ރިޔާސީ ދައުރުގައި އަޅުގަނޑުމެންގެ ސްޓޭންޑް އެންމެނަށް ސާފުވެފަ އޮނާނީ، އޭރުން ރިޔާސީ ޓިކެޓާމެދު ފަހުން ދިމާވާނެ މައްސަލައެއް ނޯންނާނެ، އިންތިހާބު ކުޑަތަންވުމުން ޖެހޭނެ މައްސަލައެއް ނޯންނާނެ، މިހާރު ޖެހޭނެ މައްސަލައެއް ޖެހި އެހާ ހިސާބަށް ދާއިރު އޮންނާނީ ހަމަޖެހިފަ، އެހެންނޫނަސް ޕީއެންސީގެ އަސާސީ ގަވާއިދު ބުނާގޮތުން މުއިއްޒުއަށް ދެވަނަ ދައުރެއް ދޭން ޖެހޭ،" ޔާމީންގެ ސަޕޯޓަރު ވިދާޅުވިއެވެ
އަދުރޭވެސް ވިދާޅުވީ، ރިޔާސީ އެއްދައުރު ފުރިހަމަކުރާ ބޭފުޅަކަށް އޮޓަމެޓިކުން ރިޔާސީ ޓިކެޓް ލިބޭނެކަމަށް ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ކަމަށެވެ.
އެހެންކަމުން މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ޑރ. މުއިއްޒުގެ ސަރުކާރުން ރައީސް ޔާމީނާމެދު ކަންތައްތައް ކޮށްފާނެ ގޮތަކާމެދު، މިހާރު ދަނީ ޝައްކުތަކެއް އުފައްދައި، ޖަވާބު ނުލިބޭ ސުވާލުތަކެއް ވެސް އުފައްދަމުންނެވެ. ރައީސް ޔާމީން މިނިވަން ވެގެން އަންނައިރު، އެ މަނިކުފާނުގެ ދައުރާއި، މި ސަރުކާރުގައި އެ މަނިކުފާނު ހުންނަވާނެ ހިސާބަކާމެދުވެސް ދަނީ ސުވާލު އުފައްދަމުންނެވެ. ޕްރޮގްރެސިވް ކޯލިޝަންގެ އެޖެންޑާގައި ރައީސް ޔާމީނަށް އޮތީ ކޮން ފުރުސަތުތަކަކާމެދު ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް