ދިވެހި ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެފްއޭއެމްގެ ރައީސް ކަމަށް ގެންނަން ހާއްސަ ހަރަކާތެއް ފަށައިފިއެވެ.
ދިވެހި ފުޓުބޯޅަ ފެއިލްވެ، ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ އިރު، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. އޭގެ އިތުރުން ދަރަނީގެ ބޮޑެތި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ އިރު، އެފްއޭއެމްގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.
އެކަމުގެ ސަބަބުން އެފްއޭއެމްގެ ވެރިންނަށް ޕްރެޝަރާވެސް ކުރިމަތިލާން ޖެހިފައިވާ އިރު، ކްލަބުތަކަށްވެސް އޮތީ އިތުރު ގޮތެއް ހޯދަން މަޖުބޫރުވެފައެވެ. ކްލަބުތަކުން ސީދާ ހަރަކާތަކަށް އަދި ނުނިކުންނަ ނަމަވެސް، ބޮޑެތި ކްލަބުތަކެއް ފަހަތުގައި ތިބެގެން ދަގަނޑޭ ގެންނަން މަސައްކަތްތަކެއް ކުރާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
ދަގަނޑޭ އެފްއޭއެމްއަށް ގެންނަން ކަމަށް ބުނެ، މިއަދު ފޭން ޕޭޖެއް ހަދައި، ދަގަނޑޭ އެފްއޭއެމް ރައީސް ކަމަށް ވާދަކުރާނެ ކަމަށް އެ ޕޭޖުގައި އިއުލާނު ކޮށްފައިވެއެވެ. އެ ޕޭޖުގައި ޖަހާފައިވާ ޕޯސްޓާ ގުޅޭގޮތުން ދަގަނޑޭ އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެއެވެ.
ދަގަނޑޭ އެފްއޭއެމްއަށް ގެންނަން ގިނަ ބަޔަކު ތާއިދުކޮށް ހިޔާލުފާޅުކޮށްފައިވާ އިރު، އެފްއޭއެމްގެ ނައިބު ރައީސްގެ މަގާމުގައި މިމަހުގެ ކުރީކޮޅާ ޖެހެންދެން ހުރި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ވެސް ވަނީ އެ ޕޯސްޓް ފޭސްބުކްގައި ޝެއާކޮށްފައެވެ. އަދި އެ ކްލަބުގެ އިތުރު ބައެއް ބޯޑު މެމްބަރުންވެސް ވަނީ އެ ހިޔާލަށް ތާއީދުކޮށް ފޭސްބުކް ޕޯސްޓް ޝެއާކޮށްފައެވެ.
ދަގަނޑޭއަކީ ރާއްޖޭގޭ ރެކޯޑު ގޯލު ޖެހުންތެރިޔާއެވެ. އަމިއްލަ ކްލަބެއް ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އުފައްދައި ދަގަނޑޭ ފުޓުބޯޅަ ހިންގުމުގައިވެސް މަޑުމަޑުން ހަރަކާތްތެރިވަމުންދެއެވެ. އޭނާއަކީ މި ސަރަހައްދު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާވެސް މެއެވެ.
އަލީ އަޝްފާގު
އަލީ އަޝްފާގު