ކުޅިވަރު ރިޕޯޓް

ކުޅުންތެރިންނާއި ސަޕޯޓަރުން އަދި މީޑިއާއެއްވެސް ނޫނެވެ؛ ބައްސާމާއި އެފްއޭއެމްއެވެ!

މުޙައްމަދު ޝަމްޢޫން

2

ފުޓުބޯޅަ ފެއިލިވެއްޖެ ކަމަށް އިތުރަށް ބުނާނެ ކަމެއް ނެތްތާއެވެ. އެފްއޭއެމް ފެއިލްވި ކަމަށްވެސް އިތުރަށް ތަފްސީލު ކޮށްދޭނެ ކަމެއް ނެތްތާއެވެ. އެވާހަކަ އެތައް ފަހަރަކު، އެތައް ގޮތަކަށް ވަރަށް ގިނައިން ދެކެވިއްޖެއެވެ. ތަފްސީލުކޮށް، ތަކުރާރުކޮށެވެ. އެވާހަކަތައް އެހެން ދެކެވިގެން، ފުރިބާރުވެގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މިދިޔަ ޖުލައި މަހު ޕްރެސް ކޮންފަރެންސެއްވެސް ބޭއްވެވިއެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ޓީމު ކެޓުމުންނެވެ. އެ ޕްރެސްގައި އެފްއޭއެމްގެ ފައިސާގެ ހާލަތު ކިޔައިދީ، ފުޓުބޯޅަ ހާލަތުވެސް ކިޔައިދިނެވެ. ގޯސް ގަބޫލުކޮށް، ވަރަށް އަވަހަށް ރަނގަޅުކުރަން ވިދާޅުވިއެވެ. ހާއްސަކޮށް ފައިސާގެ ހާލަތު ރަނގަޅުކޮށް، އާ ލީގެއް އިއުލާނުކޮށް، އިދާރީ ހިންގުން ރަނގަޅުކުރަން ވައުދުވެވަޑައިގެންނެވިއެވެ. ޓެކްނިކަލް ޕްލޭނެއް އިއުލާނުކުރައްވައި، ފުޓްސަލްއާއި ފުޓުބޯޅައަށް އިންގިލާބީ ބަދަލަކަށް މަސައްކަތް ފައްޓަވަންވެސް ބައްސާމް އިއުލާނުކުރެއްވިއެވެ.

އެފަހުން ދެމަސް ފާއިތުވެ، ތިން މަސް ވެގެން ދަނީތާއެވެ. އިއްޔެ ގައުމީ ފުޓުބޯޅަ ޓީމުން ބަންގްލަދޭޝްއާ ދެކޮޅަށް މާލޭގައި ކުޅެ އެއްވަރު ވެއްޖެއެވެ. މިދިޔަ ހަފުތާ ފުޓްސަލް ޓީމުން ކިރިގިސްތާނަށް ގޮސް ކުޅެފިއެވެ. އެފްއޭއެމްގެ ދަށުގައި އޮތް އެ ދެ ގައުމީ ޓީމުގެ ކަންކަމަށްވެސް މާ ބޮޑު ބަދަލެއް ނާދެއެވެ. ކަންކަމުގެ އިންތިޒާމަށްވެސް މާ ބޮޑު ބަދަލެއް ނާދެއެވެ. އޭގެ ކުރިން ގައުމުން ބޭރަށް ފުރަން ދިޔަ ޒުވާން ޓީމުތަކަކަށް އެތައް ތަކުލީފެއް ޖެހި، ފުރޭނެ ގޮތެއްވެސް ނުވެ ހިނގައްޖެއެވެ. އެފްއޭއެމްގެ މުއައްޒަފުންނަށް އަދިވެސް މުސާރައެއް ނުދެވެއެވެ. ތަން ހިނގަނީ ކިރިޔާއެވެ. މީޑިއާއަށް ދޭން ޖެހޭ މައުލޫމާތު، އަހައިގެންވެސް ނުހޯދެއެވެ. މެޗެއްގެ ޕްރޮމޯޝަނަށް، ޓިކެޓް ވިއްކުމަށްވެސް އިންތިޒާމުތަކެއް ނުކުރެވުނެވެ. ސަޕޯޓަރުންގެ ޝައުގު ނެތީއެއް ނޫނެވެ. ކުޅުންތެރިންގެ ބުންވަރު ނެތީއެއްވެސް ނޫނެވެ. މީޑިއާއިން މަސައްކަތް ނުކުރަނީކީވެސް ނޫނެވެ. ހަގީގަތަށްވެސް ބައްސާމާއި އެފްއޭއެމް ފެއިލްވީއެވެ.

ފުޓްސަލް ޓީމުން ކުރީ ހިތްވަރު، ލީގެއްގެ ކޮޅުމައްޗެއް ނުފެނޭ، ތައްޔާރުވާން މެޗެއް ނުކުޅެވުނު

އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު، ކިރިގިސްތާނަށް ގޮސް މިފަހަރު ކުޅެފައި ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗެވެ. އިރާން ކައިރިން 18-2 އިން ބަލިވި އިރު، ލުބުނާން ކައިރިން ހިތްވަރުކޮށްވެސް ބަލިވީ 6-1 އިންނެވެ. އެންމެފަހު މެޗުގައި ކިރިގިސްތާން ކައިރިންވެސް ވީ ބައްޔެވެ.

ޓީމު ކޮލިފިކޭޝަނަށް ދާން އެކުލަވައިލީ ކުޑަ ދުވަސްކޮޅެއް އޮއްވައެވެ. ފުރަތަމަ އައުޓްޑޯގައި ފަރިތަކޮށް، ކޭމްޕަކަށް މަސައްކަތް ކުރި ނަމަވެސް، ބޭރު ގައުމެއްގެ ކޭމްޕެއް މިފަހަރުވެސް ލިބުނުކަމަކަށް ނުވިއެވެ. އެފްއޭއެމްގެ ޖަވާބަކަށްވީ، ރާއްޖޭގެ ސޯޝަލް ސެންޓަރު، "ވަރަށް މަސައްކަތުން ހޯދައިގެން، އެތަން ލިބުމާއެކު ކޭމްޕް،" އަށް ނުދިޔައީ ކަމަށެވެ. އެހެންކަމުން ކުޅުންތެރިންނަށް ލިބުނީ ކުޑަ ތަޖުރިބާއެކެވެ. ތަންކޮޅެއް ދުރަށް ވިސްނައިލަމާ ހިނގާށެވެ. ކުރިން ފާހަގަކުރި، އިންގިލާބީ ބަދަލުގެ ޕްރެސްގައި ބައްސާމް ވަނީ ފުޓްސަލް ލީގުގެ ތަފްސީލު ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިއުލާނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ހިލަމެއް އަދިވެސް ނުވެއެވެ. ފުޓްސަލް އޮތް މަގަކީ އަމިއްލަ ފަރާތްތަކުގެ ހިންގުންތެރިކަމެވެ.

ފުޓްސަލްގެ ނަތީޖާތަކުން ކުރިމަގަށް އޮތް ފުރުސަތު ފެނުނު ނަމަވެސް، ރާއްޖޭގެ ފުޓްސަލް ޓީމަށް އިންޑޯ އެރީނާއެއް މިހާތަނަށް ގާއިމުކޮށްދެވިފައެއް ނުވެއެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މީގެ ކުރިން އެކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެކަމަށް މަސައްކަތެއް ކުރެވިގެން ދިޔަތަނެއް ނުފެނެއެވެ. އަދި އެހެންމެ، އެފްއޭއެމްއިން އެކަމުގެ ޒިންމާ ނަގައި، ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ ކުޅިވަރަށް އެ ވަސީލަތްތައް ގާއިމުކޮށްދޭން މަސައްކަތްކުރިތަނެއް ވެސް ނުފެނެއެވެ. އެހެންކަމުން ކުޅުންތެރިންނެއް ނޫނެވެ، އެފްއޭއެމްއާއި އެ އިދާރާގެ އިސްވެރިންނެވެ.

ގައުމީ ޓީމުގެ މެޗަކަށް އިންތިޒާމު ނުވެހުރި ކަންކަން ގިނަ، ގޯހީ މީޑިއާއެއްވެސް ނޫން

އިއްޔެ ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްރިލިމިނަރީ ބުރުގެ މެޗަކީ ފުޓުބޯޅައަށް އެތައް ގޮތަކުން ހާއްސަވީ މެޗެކެވެ. ސަރަހައްދުގައި ފެންވަރު ވަޒަންކޮށް، އަމިއްލަ ގައުމުގައި ބަންގްލަދޭޝް ބަލިކުރަމުން އައި ސަގާފަތް ދެމެހެއްޓުމަށެވެ. އޭގެ އިތުރުން ފުޓުބޯޅައަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ހޯދުމަށެވެ. ލީގުގެ ފެންވަރު އިންތިހާއަށް ދަށް ނަމަވެސް، ރާއްޖޭގެ ފުޓުބޯޅަ އެބައޮތްކަން ދެއްކުމަށްޓަކައިވެސް މެއެވެ.

މެޗުވީ 1-1 އިން އެއްވަރެވެ. ކުޅުންތެރިން ހިތްވަރުކުރިއެވެ. ކޯޗު އަލީ ސުޒައިން މެޗަށްފަހު އެކަން ފާހަގަކުރިއެވެ. ކޯޗު އަމިއްލައަށް ޓެކްޓިކަލީ ޒިންމާ ނަގައި، ދެން ބުނީ ނޫސްވެރިންގެ ބައެއް ގޯސް ވާހަކަތަކެކެވެ. ރާއްޖޭ ފުޓުބޯޅައިގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު، ސުޒައިން ބުނީ ދެރަވީ ނޫސްވެރިންގެ ފަރާތުން ކުޅުންތެރިންނަށް އެއްބާރުލުން ނުލިބުނީމަ ކަމަށެވެ. ކުޅުންތެރިން އެފޮޓެއް ލާން ވިސްނި އިރު، ނޫސްވެރިން އެ މެޗަށް ޕޮސިޓިވް ނުވުމުން ކަމަށެވެ. އޭގެ އިތުރުން ސުޒައިން ބުނީ ފުޓްބޯޅަ ދެކެ ލޯބިން ފުޓްބޯޅައަށް ކުރި ކަމެއް މިދިޔަ ދެތިން ދުވަހު ނުފެނުނު ކަމަށާއި މައްސަލަތައް ފާހަގަކުރުމުން ޑީމޯޓިވޭޓްވި ކަމަށެވެ.

ކޮންމެއަކަސް، ނޫސްތައް މަތިމަތިން ބަލައިލިއިރު، ގައުމީ ޓީމުގެ ކުޅުންތެރިއަކަށް ބަދުބަހެއް ހަމަ ޔަގީނުންވެސް އެއްވެސް ނޫހެއްގައި ނެތެވެ. ދެކެވިފައި އޮތް ވާހަކައެއް ނަމަ، ދެކެވިފައި އޮތީ އެ މެޗަށް އެފްއޭއެމްއިން ދިން ސަމާލުކަން ކުޑަ މިންވަރާ ގުޅޭ ވާހަކައެކެވެ. އެވާހަކަ އިއްޔެ ޕޯސްޓް މެޗު ޕްރެސްގައި ނޫސްވެރިޔަކުވެސް ފާހަގަކުރިއެވެ. ނޫސްވެރިންގެ ފަރާތުން ބުނީ މެޗުގެ ކުރިން މެޗު ޕްރޮމޯޓް ކުރަން އަމިއްލައަށް ކަންކަން ރޭވުމުންވެސް މެޗުގެ މައުލޫމާތުތައް އެފްއޭއެމަށް ނުދެވުނު ކަމަށާއި މެޗަށް ވަންނަ ފާސްވެސް ދެވުނީ އިއްޔެ ދަނޑަށް ދިއުމުން ކަމަށެވެ.

އެހިސާބުން ނިމުނީކީ ނޫނެވެ. ސަޕޯޓަރުން ވައްދަން ކުރަން ޖެހޭ ޕްރޮމޯޓިން މަސައްކަތް ކުރުމަށް ނޫސްވެރިން ވަނީ ޓިކެޓް ވިއްކާނެ އަދަދަކާއި، ޓިކެޓް ވިއްކާނެ ދުވަސް، ތަންވެސް ތަކުރާރުކޮށް އޮޅުން ފިލުވަން މަސައްކަތް ކޮށްފައެވެ. އެ މައުލޫމާތު ދިނީ، މާދަމާ މެޗު އޮންނަ ނަމަ، މިއަދުއެވެ. ގައުމީ ޓީމުގެ ސްކޮޑު ފައިނަލްކޮށް، އިއުލާނުކުރީ މެޗުގެ ކުރީ ދުވަހުގެ ރޭގައެވެ. އާ ކުޅުންތެރިންގެ ޕްރޮމޯޝަނަށް، ސަޕޯޓަރުންގެ ހިތްވަރަށް ހުރަހެއް އެޅިނަމަ، އެ ހުރަސް އެޅުނީ އިންތިޒާމު ދަށްވެގެންކަން ސާފެވެ. ސަޕޯޓަރުންނާއި މީޑިއާއެއްވެސް ނޫނެވެ. އެފްއޭއެމްއެވެ.

ނުވެ ހުރި އެތައް ކަމެއް އެބަހުއްޓެވެ. ދަރަނީގެ ވާހަކަވެސް މިހާރު ދައްކައި ކޮޅުން ލާކަށް ނެތެވެ. ކޯޓުން ސަލާމަތްވާންވެސް އޮތީ އުނދަގޫ ހާލަތެކެވެ. އެކަންކަން ރަނގަޅުވާނެ މުއްދަތެއް، ޖުލައި މަހުގެ ޕްރެސްގައި އެހުމުން ބައްސާމް ވިދާޅުވީ ދެ ހަފުތާ ތެރޭގައި ކަމަށެވެ. އަދި އޭގެ ކުރިން އެފްއޭއެމްގެ ކޮންގްރެސްގައި ދެއްވީ ހަފުތާއެއްގެ މުއްދަތެވެ. އެއްވެސް ފަހަރަކު ހައްލެއް ނުފެނުނެވެ. އަދ ކިއެއް ހެއްޔެވެ. ލީގު ރަނގަޅު ކުރާން ވައުދުވެވަޑައިގެން، އާ ލީގެއް އިއުލާން ކުރައްވަންވެސް ވިދާޅުވިއެވެ. އެއީ ބޭރުގެ ސްޕޮންސާއަކާއެކު މުޅި ރާއްޖެ ތަމްސީލުކުރާނެ ލީގެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ޔަގީނުންވެސް، އެ ލީގަށް ކޮލިފައިވާން އަތޮޅު ތެރޭގައި ފެށި މުބާރާތްތައް އަލަކުން ނުފެށެއެވެ. އޮތީ ހުއްޓިފައެވެ.

މިހެންގޮސް، އެތައް ކަމެއް ފާހަގަކުރެވިގެން ދިގުލައިފާނެއެވެ. އެކަމަކު ހައްލު އޮތީ ހައްލު ހޯދައިގެންނެވެ. ޕްރެޝަރު ބޮޑުވެގެން ހިހޫކޮށްލަން ދައްކާ ވާހަކައަކަށް، އެފްއޭއެމްގެ ޕްރެސްތަކުގައި ދައްކާ ވާހަކަ ވެއްޖެއެވެ. ދަނޑަށް ނުދާ ސަޕޯޓަރުން އެ ނުދަނީ، މާޔޫސީ މަންޒަރާ ކުރިމަތިނުލާން ކަމަށް ވެދާނެއެވެ. ހިތްހަމަ ނުޖެހި ޖަޒުބާތުގައި ޖެހިގެން ކަމަށްވެސް ވެދާނެއެވެ. އެ ސަޕޯޓަރުން ގޯހީކީ ނޫނެވެ. ކުޅުންތެރިން ދައްކާ ހިތްވަރުން، އެ ކުޅުންތެރިންނަށް މުސާރަ ނުލިބި އޮތަސް ގައުމީ ލޭ ހިނގާތަން ފެނެއެވެ. ޔަގީނުންވެސް ކުޅުންތެރިން ގޯހީކީ ނޫނެވެ. މީޑިއާއިން އެތައް ކަމެއްގައި ބުރަ މަސައްކަތްތަކެއް ކޮށްފިއެވެ. އެތައް ދުވަހެއް ވަންދެން ކަންކަން ރަނގަޅުވޭތޯ ބައްސާމާ ބައްދަލުކޮށް، ހައްލު ހޯދަންވެސް މަސައްކަތް ކޮށްފިއެވެ. އެހެން ނަމަވެސް، އެދެވޭ ހައްލެއް ނެތެވެ. މީޑިއާއެއްވެސް ނޫންތާއެވެ. އެފްއޭއެމްއާއި ބައްސާމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟