ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝް އާއި ރާއްޖެ ކުޅުނު ފުރަތަމަ ލެގު މިއަދު އެއްވަރުވެއްޖެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ ދެ ލެގުގެ ތެރެއިން ފުރަތަމަ ލެގު މިއަދު ރާއްޖޭގެ ގައުމީ ދަނޑުގައި ކުޅެފައިވާ އިރު، އެ މެޗު އެއްވަރުވީ 1-1 އިންނެވެ. ދެވަނަ ލެގު އޮންނާނީ މި މަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލެޓްގައެވެ. މިއީ ރާއްޖޭގެ ދަނޑުގައި ބަންގްލަދޭޝް އިން ރާއްޖެ ހިފެހެއްޓި ފުރަތަމަ ފަހަރެވެ.
މިއަދުގެ މެޗަށް ދިވެހި ޓީމުން ނުކުތީ އެންމެފަހުން ސާފް ޗެމްޕިއަންޝިޕްގައި ނެރުނު ޓީމަށް ބަދަލުތަކެއްވެސް ގެނެސްގެންނެވެ. އެގޮތުން އަނިޔާގައި ހުރި ރާއްޖޭގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ)ގެ ބަދަލުގައި ޑިފެންސަށް އަހުމަދު ނޫމާން (ހެލްމެޓް) އާއެކު ނުކުތީ އަހުނަފް ރަޝީދެވެ. ކެޕްޓަން ބޭންޑްގައި އަލީ ފާސިރް (ސެންޓޭ) މިއަދުގެ މެޗަށް ނުކުތް އިރު، ހަސަން ރާއިފް އަހުމަދު (ހަންނަ) ވެސް ކޯޗު ސުޒައިން ވަނީ ފުރަތަމަ 11 އަށް ނެރެފައެވެ.
މެޗަށް ނުކުތްއިރު ބަންގްލަދޭޝްއަށްވެސް ޗެލެންޖުތަކެއް ހުއްޓެވެ. އެގޮތުން އެ ޓީމުގެ މުހިންމު ތިން ކުޅުންތެރިއަކު މިވަ ގުތު ތިބީ ސަސްޕެންޝަނެއްގައެވެ. އެއީ ބަޝުންދަރާ ކިންގްސް އިން ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗަށްފަހު އަނބުރާ ގައުމަށް ދިޔައިރު ގެންދިޔަ ބަނގުރާ ފުޅިތަކެއްގެ މައްސަލައިގައެވެ. ގަވައިދާ ހިލާފަށް ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ސަސްޕެންޝަނުގައި ތިބި ޓީމުގެ މުހިންމު ކުޅުންތެރިންނަކީ ގޯލްކީޕަރު އަނީސުރް ރަހުމާން ޒީކޯއާއި ޑިފެންޑަރު ޓޯޕޫ ބާމަން އަދި ޝެއިހް މޮރްސަލީންއެވެ.
އެންމެފަހުން ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު ފަސް މެޗުގެ ނަތީޖާއަށް ބަލާލައި އިރުވެސް، ރާއްޖެއަށް އޮތީ ޗެލެންޖިން ނަތީޖާއެކެވެ. އެ ފަސް މެޗުގެ ތެރެއިން ރާއްޖެއިން ބޭރުގައި ކުޅުނު ދެ މެޗެއް ބަންގްލަދޭޝް އިން ކާމިޔާބު ކޮށްފައި އޮތްއިރު، ރާއްޖެއަށް ބަންގްލަދޭޝް ބަލިކުރެވިފައި އޮތީ އަމިއްލަ ގައުމުގައި ކުޅުނު މެޗުތަކުންނެވެ.
މިއަދުގެ މެޗު ފެށިގެން ބަންގްލަދޭޝް އިން ފިޒިކަލީ ޓަފް ކުޅުމަކަށް ފޯކަސްކޮށް ކުޅެން ފެށި އިރު، ރާއްޖެއަށް ބޯޅަ ހިފަހައްޓައިގެން ޕާސްތަކެއް ޖަހަން އުނދަގޫވިއެވެ. ހާއްސަކޮށް އެޓޭކް ކުރުމުގައި ރާއްޖެއަށް ކުރިއަށް ބޯޅަތަކެއް ސަޕްލައިކޮށްދޭން އުނދަގޫތަކެއް ކުރިމަތިވިއެވެ.
އަނެއްކޮޅުން ބަންގްލަދޭޝްއިން ވަނީ ފުރަތަމަ ހާފުގައިވެސް ނުރައްކާކޮށްފައެވެ. ހާފު ނިމެން ދަނިކޮށް އަހުނަފްގެ އަތުން ހެދުނު ގޯހަކުން އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ފައިސަލް އަހުމަދު ފަހީމަށް ލިބުނު ހުސް ފުރުސަތު އޭނާ ނަގާލި އިރު، ރާކިބް ހުސައިން ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލްކީޕަރު ހުސައިން ޝަރީފް އަތަށެވެ.
ފުރަތަމަ ހާފުގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު)ގެ ނުރައްކާ ފާހަގަވިއެވެ. އޭނާ އަރިމަތިން ކުރިއަށް ޖެހި ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ސެންޓޭ ފޮނުވާލި ހިލޭ ޖެހުމެއް ދިޔައީ މާމަތިން ބޭރަށެވެ.
ދެވަނަ ހާފުވެސް ބަންގްލަދޭޝް އިން ރަނގަޅަށް ފަށައި، މެޗުގެ 53 ވަނަ މިނެޓުގައި ރާކިބް ހުސައިން އަރިމަތިން ކުރިއަށް ޖެހި، ދުރު ކަނަށް ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަ ނަމަވެސް، ދަނޑި ކައިރިން ދިޔައީ ބޭރަށެވެ. އަދި ފަހީމަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބޭރުން އަރިމަތީ ދާގަނޑަށެވެ.
އެ ހަމަލާތަކަށްފަހު ރާއްޖެއިން ކުޅުން ރަނގަޅު ކުރިއެވެ. ހާއްސަކޮށް އެޓޭކް ލައިނަށް އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ނާއިޒް ހަސަން (ދާދު) ކުޅެން ނުކުތުމާއެކު ރާއްޖެއިން ހަމަލާތައް އިތުރު ކުރިއެވެ. ހަންނައަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވި އިރު، 64 ވަނަ މިނެޓުގައި ހަމްޕު ކުރިއަށް ޖެހި ކަނޑާލި ހުސް ޕާސް، ބަންގްލަދޭޝް ޑިފެންޑަރު ސާފުކޮށްލީ ފަހު ވަގުތުއެވެ. އަދި ދާދު ކުރިއަށް އަރައި ކަނޑާލި ބޯޅަ ގޯލަށް ވައްދާލަން ފޭދޫ އިއްބެ ޖައްސާލި ނަމަވެސް، ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
އޭގެ ފަހުންވެސް މެޗުގެ 70 ވަނަ މިނެޓުގައި އަނެއްކާވެސް ބަންގްލަދޭޝް ނުރައްކާ ކުރިއެވެ. އަރިމަތިން ރާކިބް ކަނޑާލި ހުރަހަށް ފަހީމް ހުސްކޮށް ކުރިއަށް ޖެހި ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ މާ މަތިން ބޭރަށެވެ. އަދި އޭގެ ފަހުން 74 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ރަބީއުލް ހަސަން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާވެސް މަތަކުރީ ރާއްޖޭގެ ގޯލްކީޕަރު ހުސައިނެވެ.
ބަންގްލަދޭޝްގެ ހަމަލާތަކަށްފަހު އަނެއްކާވެސް ރާއްޖެއިން ކުޅުން ރަނގަޅުކޮށް، އެޓޭކްތަކަށް މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ ނަތީޖާވެސް ފޮންޏެވެ. ސެންޓޭއަށް މެޗުގައި ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވި އިރު، މެޗުގެ 86 ވަނަ މިނެޓުގައި ގޯލު ޖަހައި ރާއްޖެއިން މެޗުގެ ލީޑު ނެގިއެވެ. އެ ގޯލު ރާއްޖެއަށް ޖަހައި ދިނީ ބަދަލަކަށް ކުޅެން ނުކުތް ހަސަން ނަޒީމް (ޗޯޓު) އެވެ. އެ ގޯލަކީ ގައުމީ ޖާޒީގައި ޗޯޓު ޖެހި ފުރަތަމަ ގޯލެވެ.
ޗޯޓުގެ އެ ގޯލާއެކު ރާއްޖެއިން ހަމަޖެހިލި އިރު، އިތުރު ވަގުތަށް ދިޔައިރުވެސް ރާއްޖެ އޮތީ ލީޑުގައެވެ. އެ ލީޑު ދަމަހައްޓަން ސަމާލުކަން އިތުރުކުރަން ޖެހުނު ދަނޑިވަޅުގައި ރާއްޖޭގެ ފަހަތުން ބައެއް ފަހަރު ބޯޅަތައް ފަސޭހަ ކުރިތަން ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 92 ވަނަ މިނެޓުގައި ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަކުރިއެވެ. އަރިމަތިން ނެގި ހުރަސް، މުޅިން ހުސްކޮށް އޮވެ ގޯލަށް ވައްދާލައި، ބަންގްލަދޭޝްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސާދުއްދީނެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު