އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އެމެރިކާ ލީގުގެ ސީޒަން ނިމުމުން ލޯން އެއްބަސްވުމެއްގައި އެނބުރި ބާސެލޯނާއަށް ނުދާނެ ކަމަށް އިތުބާރު ނޫސްވެރިޔާ ގުއިލެމް ބަލާގު ބުނެފިއެވެ.
މެސީއަކީ ބާސާގެ އެންމެ ޝަރަފުވެރި ލެޖެންޑް އަދި ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއަށްވީ އިރު، އޭނާ 2021 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވެ، ބާސާއާ ވަކިވެދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށްވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 778 މެޗު ކުޅެ، 672 ގޯލު ޖަހައިފައެވެ. ދިހަ ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލައިލައިފައެވެ. މެސީއަކީ ބާސާ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.
މެސީ ބާސާ ދޫކޮށް، ޕީއެސްޖީއަށް ކުޅުމަށްފަހު މި ސީޒަނަށް އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ބަދަލުވެފައިވާ އިރު، އެމެރިކާ ލީގުގެ ސީޒަން ނިމުމާއެކު މެސީ އަނެއްކާވެސް ލޯނެއްގައި ކްލަބު ދޫކޮށްލަން މަސައްކަތް ކުރާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. އޮކްޓޯބަރު 21 ވަނަ ދުވަހު އިންޓަ މިއާމީއަށް ސީޒަން ނިމޭ އިރު، މެސީ އޭގެ ފަހުން ލޯނެއްގައި ބާސާއަށް ނޫނީ ސައުދީ ލީގުގެ ކްލަބަކަށް ދާނެ ކަމަށް ބައެއް ނޫސްތަކުން ބުނި ނަމަވެސް، އިތުބާރު މީޑިއާތަކުން ވަނީ އެކަން ދޮގު ކޮށްފައެވެ.
"މެސީ އެމެރިކާ ސީޒަން ނިންމާފައި ދާނީ ޗުއްޓީއަށް. އެހެން ކުޅުންތެރިންހެން މަހެއްހާ ދުވަސް ރެސްޓް ކޮށްފައި ސީޒަނަށް ނުކުންނާނެ. އެހެންވީމަ ސައުދީއަށް ބާސާގެ ވާހަކަވެސް ހަނދާން ނައްތާލަންވީ،" ސްޕެއިން ފުޓުބޯޅަ އެކްސްޕާޓް ބަލާގު ބުންޏެވެ.
އުމުރުން 36 އަހަރުގެ މެސީ، މިހާތަނަށް ހަތް ފަހަރު ބެލޮންޑިއޯ ހޯދައި ދުނިޔޭގެ ތާރީހު ލިޔެލާފައިވާ އިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާއާ އެކު ކާމިޔާބުކޮށް، މެސީ ވަނީ ޓްރޮފީ ކެބިނެޓްވެސް ފުރިހަމަކޮށްފައެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ