އެންމެފަހުން ކުޅުނު މެޗުތަކުން މޮޅުވެވިފައި އޮތް ނަމަވެސް، އަމިއްލަ ދަނޑުގައި ދިވެހި ރާއްޖެ މޮޅުވާނެ ކަމަށާއި އެކަމަށް ސަމާލުވާނެ ކަމަށް ބަންގްލަދޭޝްގެ ކޯޗު ހާވިއޭ ކަބްރޭރާ ބުނެފިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝާއި ރާއްޖެ ކުޅޭ ދެ މެޗުވެސް އޮންނާނީ މިމަހުއެވެ. ދެ ލެގުގެ ފުރަތަމަ މެޗު މިއަދު ހަވީރު 4:00 ގައި ރާއްޖޭގައި އޮންނަ އިރު، ދެވަނަ ލެގު އޮންނާނީ މިމަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓްގައެވެ.
ރާއްޖެއިން ބޭރުގައި މިފަހަކަށް އައިސް ބަންގްލަދޭޝްއިން ވަނީ ރާއްޖެ ކައިރިން މޮޅުތަކެއް ހޯދައިފައެވެ. އެގޮތުން، މިދިޔަ ޖޫން މަހު އިންޑިއާގައި ކުޅުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އިން ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފައެވެ. އޭގެކުރިން، 2021 ވަނަ އަހަރު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ވެސް ބަންގްލަދޭޝްއިން ވަނީ ރާއްޖެ ބަލިކޮށްފައެވެ. އެފަހަރު އެޓީމު މޮޅުވީ 2-1 އިންނެވެ.
ދަނޑުގައި އިއްޔެ ބޭއްވި ޕްރެސްގައި ކަބްރޭރާ ބުނީ ދެ ޓީމަކީވެސް އެއް ޓީމު އަނެއް ޓީމު ވަރަށް ރަނގަޅަށް ދަންނަ ދެޓީމު ކަމަށާއި ބޭނުންވަނީ ފުރުސަތުގެ ބޭނުން ހިފަން ކަމަށެވެ.
"އަހަރެމެން ދެ ޓީމަކީވެސް އެއް ޓީމު އަނެއް ޓީމަށް ވަރަށް ރަނގަޅަށް އެނގޭ ދެޓީމު. މި ފަހަކަށް އައިސް ދެ ޓީމުވެސް ގިނަ މެޗުތަކެއް ކުޅެފި. އެހެންވީމަ މި މެޗަކީވެސް ވަރަށް ރަނގަޅު ޗެލެންޖެއް. ވަރަށް އެކްސައިޓިން މެޗަކަށް މެޗު ވާނެ. އަނެއް ލެގަކަށް އަދި ނުވިސްނަން. މިއީ ރާއްޖޭގައި މޮޅުވާން ލިބޭ ފުރުސަތެއް. އަހަންނަށް މިއީ އުންމީދީ މެޗެއް. އުންމީދު އެބައޮތް މި މެޗަށް،" ކަބްރޭރާ ބުންޏެވެ.
ކަބްރޭރާ ބުނީ މެޗަކުން މޮޅެއް ހޯދިފައި އޮތް ނަމަވެސް، ރާއްޖޭގެ ފެންވަރާ މެދު ސުވާލު އުފެއްދެއް ނެތް ކަމަށާއި އަމިއްލަ ދަނޑުގައި ރާއްޖެ އިތުރަށް ވަރުގަދަވާނެ ކަމަށް ވިސްނަން ޖެހޭ ކަމަށެވެ.
"ރާއްޖެއަކީ އަބަދުވެސް ވަރުގަދަ ޓީމެއް. އެންމެފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ އަހަރެމެން ކޮޅަށް ބުރަވެފައި އޮތް ނަމަވެސް، ރާއްޖެ އަބަދުވެސް ވަރުގަދަ ވާނެ. ހާއްސަކޮށް އަމިއްލަ ދަނޑުގައި ކުޅޭއިރު ރާއްޖެ ވަރުގަދަވާނެ އިތުރު ސަބަބުތަކެއް އޭގައި އެބަހުރި. އެހެން ނަމަވެސް، ބަންގްލަދޭޝް މިވަގުތު އޮތީ ރަނގަޅު މޮމެންޓަމްއެއްގައި. ވަރަށް ޕޮސިޓިވްކޮށް، އެހެންވީމަ ނަތީޖާ ނެރެވޭނެ،" ސްޕެއިންގެ ކަބްރޭރާ ބުންޏެވެ.
ކަބްރޭރާ އިއްޔެ ބުނީ ބަންގްލަދޭޝް ޓީމަށް ޔަގީނުންވެސް ކުރިއެރުން އަންނަ ކަމަށާއި ބޭނުންވާ ލެވެލްއަށް އަދި ނުދެވުނަސް ޓީމުގެ ރޫހު އޮތީ ރަނގަޅަށް ކަމަށެވެ. އަދި ޓީމުން ފެންނަމުންދާ ކުރިއެރުން ސާބިތުކޮށްދޭން ރާއްޖެ ބަލިކޮށް ކޮލިފިކޭޝަން ގްރޫޕަށް ދާން ޖެހޭ ކަމަށްވެސް ކަބްރޭރާ ބުންޏެވެ.
މިއަދުގެ މެޗަށް ބަންގްލަދޭޝް ނުކުންނަ އިރު، އެޓީމުގެ މުހިންމު ތިން ކުޅުންތެރިއަކު މިވަގުތު ތިބީ ސަސްޕެންޝަނެއްގައެވެ. އެއީ ބަޝުންދަރާ ކިންގްސްއިން ރާއްޖޭގައި ކުޅުނު މެޗަށްފަހު އަނބުރާ ގައުމަށް ދިޔައިރު ގެންދިޔަ ބަނގުރާ ފުޅިތަކެއްގެ މައްސަލައިގައެވެ. ގަވައިދާ ހިލާފަށް ބަނގުރާ އެތެރެކުރަން އުޅުނު މައްސަލައިގައި ސަސްޕެންޝަނުގައި ތިބި ޓީމުގެ މުހިއްމު ކުޅުންތެރިންނަކީ ގޯލްކީޕަރު އަނީސުރް ރަހުމާން ޒިކޯ އާއި ޑިފެންޑަރު ޓޯޕޫ ބާމަން އަދި ޝެއިހް މޮރްސަލީންއެވެ.
އެ ކުޅުންތެރިން ނެތުމަކީ އުނިކަމެއްތޯ ސުވާލުކުރުމުން ކަބްރޭރާ ބުނީ މިއީ ކުއްލިއަކަށް ދިމާވި ހާލަތެއް ކަމަށާއި ނަމަވެސް ޓީމުގައި ދެން ތިބި ކުޅުންތެރިން ނެތްތަން ފޫބެއްދޭނެ ކަމަށެވެ.
ބަންގްލަދޭޝް އާއި ރާއްޖެ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު