އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރުނުވާނެ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދާމެދު އިންތިހާބީ ރައީސް ގޮތެއް ނިންމެވީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާ ދިިރިއުޅުއްވާ ގެކޮޅާއި އަދި ނައިބް ރައީސް ދިރިއުޅުއްވާ ގެކޮޅުގެ އިދާރީ މުވައްޒަފުންގެ އަދަދަށް ބެއްލެވުމަށްފަހު ކަމަށެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ މި ވަނީ، ސަރުކާރު އެކުލަވާލުމުގައި ސިޔާސީ މަގާމުތަކާ ގުޅޭ ގޮތުން މުހިންމު ނިންމުމެއް ނިންމަވާފައި. އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމަށް،" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އެ އަދަދަކީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކަމަށް ބުނެ ރައީސް އޮފީހުގެ ކުރީގެ ތަޖުރަމާނު މަބްރޫކް އަޒީޒު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެ އަދަދަކީ ޔާމީންގެ ސަރުކާރުގެ އުފެއްދި ސިޔާސީ މަގާމުތަކަށްވުރެ ދަށް އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުގައި ވަނީ 808 ސިޔާސީ މަގާމު އުފައްދައިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން މުއިއްޒު ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ވަރުގެ ގާބިލްކަން ހުރި ތައުލީމީ ބޭފުޅުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވެސް ވިދާޅުވީ އެގޮތަށެވެ. އޭނާ ވިދާޅުވީ މަގާމަށް އައްޔަން ކުރައްވާ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ކަމަށެވެ.

"ކޮންމެ ޕާޓީއަކަށް ނިސްބަތްވިއަސް ސަރުކާރުގައި ހިމެނުމުގެ ފުރުސަތު އެބަ އޮތް. އެ ޝާމިލް ސަރުކާރުގެ ވާހަކަ އިންތިހާބީ ރައީސް ވިދާޅުވަނީ" ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިހާބީ ރައީސް ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރައްވާނީ އެ މަނިކުފާނުގެ ބަސް ވިކޭ ބޭފުޅުން ކަމަށެވެ. އެހެންކަމުން އެހެން ޕާޓީއަކަށް ނިސްބަތްވާތީ އެ ބޭފުޅުން ދުރުކުރުމުގެ ވިސްނުންފުޅު އިންތިހާބީ ރައީސް ނުގެންގުޅުއްވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.