ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގިނަ ބަޔަކު ސިފަކުރަމުން އައީ ސިޔާސީ ހިސާބުތަކަށް ޖޯކެއްގެ ގޮތުގައެވެ. އަދުރޭ ޖެއްސި ބައެއް ހިސާބުތަކުން މޮޅެތި ނަތީޖާތައް ނުކުމެފައިވާ ފަހަރު މަދެއްވެސް ނޫނެވެ. އެހެންވެ ފަހަކަށް އައިސް ގިނަ ބަޔަކަށް ބުނެވެނީ އަދުރޭގެ ހިސާބު މާ ބޮޑަށްވެސް މޮޅު ކަމުގައެވެ. ސިޔާސީ މަޝްރަހުގައި، އަދުރޭ ޖައްސަވާފައިވާ ބޮޑެތި ހިސާބުތައް ވަނީ ދިމާވެފައެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހުން މިހާރު މި ފެންނަ މަންޒަރުތަކުގެ ހިސާބު އަދުރޭ ވަނީ، މީގެ ހަތަރު އަހަރު ކުރިން 2019 ވަނަ އަހަރު ޖައްސަވާފައެވެ.

"މި ރާއްޖޭގެ ސިޔާސީ މައިދާނުގައި ދެން ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ އަޑު ކަނޑުވައެއް ނުލެވޭނެ. މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކޮންގްރެސް ޕާޓީ ތެދުވާނީ ސާބިތުކަމާއެކު ބުނަން ޖެހޭ ބަސް ބުނާނީ ނިކަން ކެރިގެން ސާބިތުކަމާއެކުގައި. ކޮންގްރެސް ޕާޓީ ދެން މި ރާއްޖޭގެ ރިޔާސަތާ ހަވާލުވާނެ ކަމާ ދޭތެރޭގައި އިރާދަކުރެއްވިއްޔާ ޝައްކެއް ނެތް،" 27 އޭޕްރީލް 2019 ގައި ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި، އެ ޕާޓީގެ ރައީސް ކަމުގައި އޭރު ހުންނެވި އަދުރޭ ވިދާޅުވެފައިވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުވެސް، ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވީ 46 ޕަސަންޓު ވޯޓެވެ. ދެވަނަ ބުރުގައި ލިބިވަޑައިގެންނެވީ 54 ޕަސަންޓު ވޯޓެވެ. އެހެންކަމުން ޕީއެންސީން ރާއްޖޭގެ ވެރިކަން ކުރާނެކަމަށް އަދުރޭ ޖެއްސެވި ހިސާބު ދިމާވީއެވެ.

ދެން އޮތީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ފުރަތަމަ ބުރަށް އަދުރޭ ޖެއްސެވި ހިސާބެވެ. އަދުރޭ ވަނީ އެމްޑީޕީން ވާދަކުރެއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރަތަމަ ބުރުގައި 40 ޕަސަންޓު ވޯޓުވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރެއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 39 ޕަސަންޓެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޓިކެޓު އެރުވީ، އެ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެ މަނިކުފާނަށް ކުރި މަނީ ލޯންޑަރިންނާއި ރިޝްވަތުގަބޫލުކުރުމުގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމާއެކު، ސިޔާސީ މަޝްރަހު ދިރާސާ ކުރައްވަމުންގެންދަވާ ގިނަ ބަޔަކު އޭރުވެސް ވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ލަފާކޮށްފައެވެ. ނަމަވެސް ފަހު ވަގުތާ ޖެހެންދެންވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތިބީ ރައީސް ޔާމީނަށް ވާދަކުރެއްވޭނެ ފުރުސަތެއްގެ އިންތިޒާރުގައެވެ. އެ ފުރުސަތު އެއްކޮށް ބަންދުވީ، ދަށު ކޯޓުން އިއްވި، ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަވެސް ދިގުލައިގެން ދިއުމާއި، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވުމުން އެ ފޯމު އިލެކްޝަން ކޮމިޝަން (އީސީ) އިން ބަލައިނުގަތުމުން، އެ މަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުންވެސް ކުރިއެރުމެއް ލިބިވަޑައިނުގަތުމުންނެވެ.

އެހެންވެ، ޕީއެންސީން ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި، ޑރ. މުއިއްޒު ނުކުންނެވީ އެވެ. ޕީޕީއެމްގެ ނައިބު ރައީސްކަމުގައި ހުންނެވުމަށްފަހު، އެ ޕާޓީން މުއިއްޒު ވަކިވެވަޑައިގެންނެވީ ޕީއެންސީގެ ޓިކެޓު ހޯއްދެވުމަށެވެ. އެގޮތުން ޕީއެންސީން ޕްރައިމަރީއަށް ހުޅުވާލުމުން އެކަމަށް ވާދަކުރެއްވީ، އެ ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި އާދަމް ޝަރީފް އުމަރާއި ޑރ. މުއިއްޒު އެކަންޏެވެ. އެ ޕްރައިމަރީ ދެ ވޯޓުގެ ތަފާތުން އާދަމް ޝަރީފްގެ މައްޗަށް ކުރި ހޯއްދަވައި މުއިއްޒު ކާމިޔާބު ކުރައްވައި ޕީއެންސީގެ ޓިކެޓު މުއިއްޒު ކަށަވަރުކުރެއްވީއެވެ.

ރާއްޖޭގައި ޕީއެންސީން ވެރިކަންކުރާނެ ކަމަށް ހަތަރު އަހަރު ކުރިން ޖެއްސެވި ހިސާބު ދިމާކުރެއްވުމަށް ފަހު، 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަދުރޭ ވަނީ މާލޭގެ މޭޔަރުކަން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި، ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ މުޅި މާލެ، މުއިއްޒު ކުރާނަން" މުއިއްޒުގެ ކެމްޕެއިން އިވެންޓެއްގައި އަދުރޭ ވިދާޅުވެފައިވެއެވެ.

އަދުރޭގެ ހިސާބާ އެއްގޮތަށް، މާލޭގައި އެމްޑީޕީން ކުރަމުން އައި ރަސްކަން، ޕީޕީއެމަށް ފުރޮޅާލައި، މޭޔަރުކަން މުއިއްޒު ކަށަވަރުކުރެއްވީ މާލޭގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

އެންމެ ފަހުން ބޭއްވި، އެންމެ ބޮޑު ދެ އިންތިހާބަށްވެސް އަދުރޭ ޖެއްސެވި ހިސާބު މިވަނީ ދިމާވެފައެވެ. އަދުރޭ ވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުސްތަގުބަލާ ގުޅޭ ހިސާބެއްވެސް 2019 ގައި ޖައްސަވައިފައެވެ. އެގޮތުން ރައީސް ޔާމީން މުސްތަގުބަލުގައި ހުންނަވާނީ ޕީއެންސީގައި ކަމަށް ވިދާޅުވިއެވެ. ޕީއެންސީއަކީ، ޕީޕީއެމް ގެއްލިދާނެތީ، ޕީޕީއެމްގެ މެންބަރުން ލައިގެން، ރައީސް ޔާމީން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީގައި ތިބެނީވެސް 3،500 އެއްހާ މެންބަރުންނެވެ. އެެހެންކަމުން "ހިސާބު ސާރ" އަށް މިފަހަރުވެސް ހިސާބު ދިމާކުރެވިދާނެތޯ މިއީވެސް ސުވާލެކެވެ.

ކޮންމެޔަކަސް، މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުމުން، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންވެސް، އަދުރޭގެ ހިސާބު ޖެއްސެވުމަށް ސަމާސާ މިޒާޖުގައި ތައުރީފުކޮށްފައިވެއެވެ. އެ މީހުން ބުނެފައިވާ ގޮތުގައި ސިޔާސީ ހިސާބު ޖެހުމަށް އަދުރޭ ވަރެއް ހަމަ ނެތެވެ.