އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކުރި އިރު، ލިވަޕޫލުން ބްރައިޓަންއާ އެއްވަރުވެއްޖެއެވެ.

އާސެނަލުން މިރޭ އަމިއްލަ ދަނޑުގައި ސިޓީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ސިޓީން އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ވަނީ ބަލިވެފައެވެ. ލީގު ކަޕްގައި ނިއުކާސަލް އަތުން ސިޓީ ބަލިވެފައި އޮތް އިރު، މިރޭ މެޗުގެ ކުރިން އެންމެފަހުން ލީގުގައި ކުޅުނު މެޗުން ސިޓީ ބަލިވީ ވުލްވްސް އަތުންނެވެ.

މިރޭގެ މޮޅަކީ އާސެނަލަށް ހާއްސަ މޮޅެކެވެ. އެޓީމުން މިރޭ ހޯދި މޮޅަކީ، ލީގުގައި ކުޅުނު 12 މެޗުން ސިޓީ ކައިރިން ބަލިވުމަށްފަހު ހޯދި މޮޅެކެވެ. މޮޅާއެކު އާސެނަލް ލީގު ތާވަލުގެ ދެވަނައިގައި އޮތީ އަށް މެޗުން 20 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ޓޮޓެންހަމަށްވެސް އަށް މެޗުން 20 ޕޮއިންޓް ލިބިފައިވާ އިރު، ދެޓީމަށްވެސް ލިބިފައިވަނީ ފައިދާ 10 ގޯލެވެ. ތަފާތަކީ ޖެހި ގޯލުގެ ތަފާތެކެވެ. މިވަގުތު ސިޓީ އޮތީ ތިންވަނައިގައެވެ. އެއީ އަށް މެޗުން 18 ޕޮއިންޓާއެކުގައެވެ.

މިރޭގެ މެޗު ފެނިގެން ދިޔައީ ހަމަލާތައް މަދު މެޗެއްގެ ގޮތުގައެވެ. ދެޓީމުގެ ފަރާތުންވެސް މާ ރަނގަޅު އެޓޭކްތަކެއް ފެނިގެން ގޮސްފައިނުވާ އިރު، މެޗުގެ ކުރީކޮޅުގައި ސިޓީގެ ނެތަން އަކޭއަށް އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.

އަނިޔާގައި ހުރި ބުކަޔޯ ސަކާއާ ނުލައި މެޗަށް ނުކުތް އާސެނަލަށް ހަމަލާތައް އުފައްދަން އުނދަގޫތައް ކުރިމަތިވެފައިވާ އިރު، ގެބްރިއަލް ޖީސަސް އަރިމަތިން ވަދެ ފޮނުވާލި ހަމަލާވެސް އަމާޒުވީ ސީދާ އެޑަސަން އަތަށެވެ. ޖުމުލަ ތިން ހަމަލާއެއް ގޯލަށް އަމާޒުވެގެން ދިޔަ މެޗުގައި އާސެނަލުން ގޯލު ޖެހީ ބަދަލުތަކަކަށްފަހު، އެ ބަދަލުތަކުގެ ފައިދާ ނަގައިގެންނެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ގެބްރިއަލް މާޓިނެލީ ޖެހި ބޯޅަ ގޯލަށް ވަނީ އަކޭ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. އެ ގޯލު ޖެހި މާޓިނެލީއާއި، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން ކައި ހަވާޓްސްއަކީވެސް ބެންޗުން ނުކުތް ދެ ކުޅުންތެރިންނެވެ.

މިރޭ ލިވަޕޫލުން ރަށުން ބޭރުގައި ބްރައިޓަންއާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ބްރައިޓަންގެ ސައިމޮން އަޑިންގްރާ ލީޑު ނެގީ ލިވަޕޫލްގެ ފަހަތުން ހެދި ގޯހެއްގައި ދުރުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އަނެއްކޮޅުން ހާފު ނިމުމުގެ ކުރިން ލިވަޕޫލްގެ މުހައްމަދު ސަލާހް ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލި އިރު، އެ ދެ ގޯލަކީވެސް ބްރައިޓަންގެ ފަހަތުން ހެދި ގޯސްތަކުން ފެނުނު ދެ ގޯލެވެ.

ދެވަނަ ގޯލަކީ ޕެނަލްޓީއަކުން ސަލާހް ކާމިޔާބުކުރި ގޯލެކެވެ. މެޗު ބްރައިޓަންއިން އެއްވަރު ކުރީ ދެވަނަ ހާފަށް ނުކުމެ، 78 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ސޮލީ މާޗު ނަގައިދިން ހިލޭ ޖެހުމަކުން ލެވިސް ޑަންކް ޖެހި ގޯލެކެވެ.

ލިވަޕޫލް ލީގު ތާވަލުގެ ހަތަރުވަނައިގައި އަށް މެޗުން 17 ޕޮއިންޓާއެކު އޮތް އިރު، ބްރައިޓަން ހަވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓާއެކުގައެވެ.