ބޮޑެތި މުސާރައަށް ސައުދީ އަރަބިއާގެ ލީގަށްދާ ކުޅުންތެރިން ފައިސާއަށް ލެގަސީ ހަލާކުކޮށްލާ ކަމަށް ބުނެ، ޒްލަޓާން އިބްރަހިމޮވިޗް ފާޑުކިޔައިފިއެވެ.
އުމުރުން 42 އަހަރުގެ ސްވިޑެން ފޯވަޑް، ޒްލަޓާން ޕިއޭސް މޯގަންއަށް ދާދި ފަހުން ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި އޭނާ ވަނީ ކެރިއަރާ ގުޅޭ ގޮތުންނާއި ރިޓަޔާމެންޓާ ގުޅޭ ގޮތުން ވާހަކަދައްކައިފައެވެ. ޔޫރަޕްގެ ބޮޑެތި ކްލަބުތަކަކަށް ކުޅެފައިވާ ޒްލަޓާން، މި އަހަރު ޖޫން މަހު އޭސީ މިލާންގައި ހުރެ ކެރިއަރު ނިންމާލީ އަނިޔާގެ މައްސަލަތައް ބޮޑު ސީޒަނަކަށްފަހުއެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީގެ އިތުރުން އިންޓަ މިލާނާއި ބާސެލޯނާއަށްވެސް ކުޅުނު ޒްލަޓާން ބުނީ އޭނާއަށްވެސް ޗައިނާއާއި ސައުދީން އޮފާތައް ލިބުނު ކަމަށާއި އެ އޮފާތަކަށް ނޫނެކޭ ބުނީ ލެގަސީ ދަމަހައްޓަން ކަމަށެވެ.
"އަހަންނަށް ހީވާ ގޮތުގައި ކުޅުންތެރިން ވަކި ލެވެލްއަކަށް ގޮސްފައި، ހުއްޓާލަންވެސް ޖެހޭނީ އެ ލެވެލްގައި. އަހަންނަށް ޗައިނާއާއި ސައުދީންވެސް އޮފާތައް ލިބުނު. އެކަމަކު ހާލަތަށް ބަލައި ނޫނެކޭ ބުނީ. އެއީ ސައުދީއަށް ގޮސް ހާސިލުކުރާނެ އެއްޗެއް ނެތުމުން. ހަމައެކަނި މޯޓިވްއަކަށްވެފައި އޮންނަނީ ފައިސާ. އެކަމަށް އަހަރެން ކުޅެން ބޭނުންނުވީ،" 2018 ވަނަ އަހަރު އެމެރިކާ ލީގުގެ އެލެއޭ ގެލެކްސީއަށް ކުޅެ، ފަހުން އަނެއްކާވެސް ޔޫރަޕް ފުޓުބޯޅައަށް ނުކުތް ޒްލަޓާން ބުންޏެވެ.
ސައުދީ ލީގުގެ ކްލަބުތަކަށް ސްޓޭޓުން ފަންޑުކޮށް، ޓްރާންސްފާ މާކެޓްގައި ހަމައެއްލަމައެއް ނެތި ހަރަދުކުރަމުންދާ އިރު، މިދިޔަ އަހަރެއްހާ ދުވަސްތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު އެތައް ކުޅުންތެރިންނެއް އެ ލީގުގެ ކްލަބުތަކަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ކަރިމް ބެންޒެމާގެ އިތުރުން އެންގޯލޯ ކަންޓޭ، ރިޔާދު މަހްރޭޒް އަދި ޖޯޑަން ހެންޑަސަން ފަދަ ކުޅުންތެރިން ހިމެނެއެވެ.
ޒްލަޓާން ސައުދީ ލީގުގެ ކަންކަމަށް އިތުރަށް ވާހަކަދައްކަމުން ބުނީ، އެ ގައުމުގެ އެހެން ކަންކަމާ ފުޓުބޯޅަ ގުޅުވުން އެއީ ރަނގަޅު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އެގޮތުން ސައުދީގެ އޮންނަ ދީނާއި ސައުދީގެ އިންސާނީ ހައްގުތަކަށް ކަންކަން އޮތް ގޮތާ ފުޓުބޯޅަ ގުޅުވުން ރަނގަޅު ނޫން ކަމަށް ޒްލަޓާން ބުނެފައިވެއެވެ.
އޭނާ ބުނީ ކޮންމެ ހާލަތެއްގައި، ކޮންމެ ހިސާބެއްގައި އޮންނަ ގައުމެއްގައިވެސް ފުޓުބޯޅައަކީ ފުޓުބޯޅަ ކަމަށެވެ. އެކަމަށް ޝަކުވާ ނުކުރެވޭނެ ކަމަށާއި ސައުދީއަށް ދާ ކުޅުންތެރިންނަށްވެސް އެ ނަޒަރުން ފާޑުކިޔަން ބޭނުންނުވާ ކަމަށްވެސް ބުންޏެވެ.
ޒްލަޓަން އިބްރަހިމޮވިޗް
ޒްލަޓަން އިބްރަހިމޮވިޗް
ޒްލަޓަން އިބްރަހިމޮވިޗް
ޒްލަޓަން އިބްރަހިމޮވިޗް