އޭސީ މިލާންގެ ސްވިޑެން ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އުމުރުން 41 އަހަރުގައި ފުޓުބޯޅައިން ރިޓަޔާވިކަން އިއްޔެ އިއުލާނު ކޮށްފިއެވެ.

އިބްރަހިމޮވިޗް މި ސީޒަނަށްފަހު އޭސީ މިލާން ދޫކޮށްލާނެ ކަން ކުރިންވެސް އިއުލާނު ކޮށްފައިވާ އިރު، ރޭ މިލާނުން ކުޅުނު ސީޒަނުގެ ފަހު މެޗުގައި އޭނާއަށް ހާއްސަ ކުޑަ އިވެންޓެއް ވަނީ ބާއްވައިފައެވެ. އިވެންޓްގައި ވާހަކަ ދައްކަމުން އިބްރަހިމޮވިޗް ބުނީ "އަހަރެން ފުޓުބޯޅައަށް އަލްވަދާއު ކީ ނަމަވެސް، (މިލާންގެ ސަޕޯޓަރުންނަށް) ތި އެންމެންނަށް އަލްވަދާއު ނުކިޔާނެ،" ކަމަށެވެ.

އިބްރަހިމޮވިޗްއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ފޯވަޑެވެ. ކެރިއަރުގައި 511 ގޯލު ޖަހާފައިވާ ފޯވަޑް ވަނީ ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން އިންޓަ މިލާނާއި އޭސީ މިލާނަށްވެސް ކުޅެފައެވެ. އޭގެ އިތުރުން އޭނާ ވަނީ އަޔެކްސް އާއި މަލްމޯ އެފްސީ، ބާސެލޯނާގެ އިތުރުން އެމެރިކާ ލީގުގެ އެލްއޭ ގެލެކްސީގައިވެސް ކާމިޔާބުތަކެއް ހޯދައިފައެވެ.

ކެރިއަރުގައި ޔޫރަޕްގެ ހަތަރު ގައުމެއްގައި އިބްރަހިމޮވިޗް ލީގު ތަށިވެސް ހޯދާފައިވާ އިރު، އެންމެފަހުން ކުޅުނު މިލާނަށްވެސް ވަނީ ދެ ފަހަރެއްގެ މަތިން ކުޅެފައެވެ. އިބްރަހިމޮވިޗް ކެރިއަރުގައި ދެ ފަހަރެއްގެ މަތިން މިލާނަށް ކުޅެފައިވާ އިރު، އޭނާ ފުރަތަމަ ކްލަބު ޖާޒީގައި ފެނުނީ 2010 ވަނަ އަހަރުއެވެ. އެފަހަރު ދެ ސީޒަނަށްފަހު ޕީއެސްޖީއަށް ބަދަލުވެފައިވާ އިރު، އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑާއި އެލްއޭ ގެލެކްސީއަށްވެސް ކުޅުމަށްފަހު މި ބުރުގައި މިލާނާ ގުޅުނީ 2019 ވަނަ އަހަރުއެވެ.

އޭގެ ފަހުން 64 މެޗު މިލާން ޖާޒީގައި އިބްރަހިމޮވިޗް ކުޅެފައިވާ އިރު، އެ ކްލަބަށް 2019 ވަނަ އަހަރުގެ ލީގު ކާމިޔާބު ކޮށްދިނުމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރިއެވެ.

ޖުމުލަ 34 ތަށި ކެރިއަރުގައި ހޯދި އިބްރަހިމޮވިޗް ވަނީ 14 ލީގު ތަށި އެކި ކްލަބުތަކާއެކު ކާމިޔާބު ކޮށްފައެވެ. އަދި 11 ފަހަރު އޭނާ ވަނީ ބެލޮންޑިއޯއަށް ނޮމިނޭޓް ވެފައެވެ. ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި އިބްރަހިމޮވިޗަށް ޗެމްޕިއަންސް ލީގެއް ނުލިބި އޮތް ނަމަވެސް 2017 ވަނަ އަހަރު އޭނާ ވަނީ ޔުނައިޓެޑާ އެކު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ.

ސްވިޑެން ގައުމީ ޓީމަށްވެސް ރެކޯޑު 122 މެޗުން 62 ގޯލު ޖަހައިދީފައިވާ އިބްރަހިމޮވިޗް ރޭ ނިންމި ނިންމުމާއެކު އޭނާގެ ގައުމީ ޓީމުގެ ކެރިއަރުވެސް ވަނީ ނިމިފައެވެ. 2016 ވަނަ އަހަރު ޔޫރޯއަށްފަހު އިބްރަހިމޮވިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، އޭގެ ފަހުން 2021 ވަނަ އަހަރު އަނެއްކާވެސް އެނބުރި ޓީމަށް ނުކުތެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށެވެ.