އޭސީ މިލާންގެ ސްވިޑެން ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ކްލަބު ދޫކޮށްލާނެ ކަމަށް އިއުލާނު ކޮށްފިއެވެ.

އުމުރުން 41 އަހަރުގެ އިބްރަހިމޮވިޗް މިލާން ދޫކޮށްލަން ނިންމާފައި ވަނީ މި ސީޒަނުގައި ކްލަބުން ކުޅޭ ފަހު މެޗަށްފަހުއެވެ. ސީޒަނުގައި މިލާނުން ކުޅޭ ފަހު މެޗުގައި މިރޭ ނުކުންނާނީ ހެލާސް ވެރޯނާއާ ދެކޮޅަށެވެ. މިލާނުން ބުނީ މިރޭ މެޗުގައި އިބްރަހިމޮވިޗަށް ހާއްސަކޮށް ކުޑަ އިވެންޓެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

"އިބްރަހިމޮވިޗަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އޭސީ މިލާނުން ބޭނުންވޭ. ކްލަބާއެކު އޭނާ ހޭދަކުރީ އުފާވެރި، ކާމިޔާބު ދުވަސްތަކެއް،" މިލާނުން ބުނެފައިވެއެވެ.

އިބްރަހިމޮވިޗް ކެރިއަރުގައި ދެ ފަހަރެއްގެ މަތިން މިލާނަށް ކުޅެފައިވާ އިރު، އޭނާ ފުރަތަމަ ކްލަބު ޖާޒީގައި ފެނުނީ 2010 ވަނަ އަހަރުއެވެ. އެފަހަރު ދެ ސީޒަނަށްފަހު ޕީއެސްޖީއަށް ބަދަލުވެފައިވާ އިރު، އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑާއި އެލްއޭ ގެލެކްސީއަށްވެސް ކުޅުމަށްފަހު މި ބުރުގައި މިލާނާ ގުޅުނީ 2019 ވަނަ އަހަރުއެވެ.

އޭގެ ފަހުން 64 މެޗު މިލާން ޖާޒީގައި އިބްރަހިމޮވިޗް ކުޅެފައިވާ އިރު، އެ ކްލަބަށް 2019 ވަނަ އަހަރުގެ ލީގު ކާމިޔާބު ކޮށްދިނުމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރިއެވެ.

އިބްރަހިމޮވިޗަށް މިދިޔަ ސީޒަނުގެ ފުރަތަމަކޮޅުގެ އިތުރުން މި ސީޒަނުގެ މިހާތަނަށްވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، މިހާތަނަށް މި ސީޒަނުގައި ކުޅެފައިވަނީ އެންމެ ހަތަރު މެޗުގައެވެ. އޭގެ ތެރެއިންވެސް ފުރަތަމަ 11 އަށް ނުކުމެ ކުޅުނީ އެންމެ މެޗެއްގައެވެ. މި ސީޒަނުގައި އިބްރަހިމޮވިޗް މިލާނަށް އަދި ޖެހީވެސް އެންމެ ގޯލެކެވެ.

އިބްރަހިމޮވިޗް މިލާން ދޫކޮށްލަން ނިންމި ނަމަވެސް ކެރިއަރު ހުއްޓާލާނެ ކަމެއް، ނުވަތަ އިތުރު ކްލަބަކާ ގުޅޭނީ ކަމެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.