ޒްލަޓަން އިބްރަހިމޮވިޗް

އުމުރުން 41 އަހަރުގެ އިބްރަހިމޮވިޗް ސްވިޑްން ސްކޮޑަށް

ސްވިޑެން ގައުމީ ޓީމުގެ ސްކޮޑަށް އުމުރުން 41 އަހަރު ޒްލަޓާން އިބްރަހިމޮވިޗް އަލުން ނަގައިފިއެވެ.

އޭސީ މިލާންގެ ފޯވަޑް އިބްރަހިމޮވިޗް ސްވިޑެން ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނާފައި ވަނީ ގާތްގަނޑަކަށް އަހަރެއްހައި ދުވަހަށް ފަހުއެވެ. ސްވިޑެންއިން އޭނާ ހިމެނީ ކުރިއަށް އޮތް ޔޫރޯ ކޮލިފިކޭޝަނަށް ނަގައިފައިވާ ސްކޮޑުގައެވެ. ސްވިޑެންއިން މި މަހުގެ ފަހުކޮޅުގައި ޔޫރޯ ކޮލިފިކޭޝަންގައި ނުކުންނަނީ އަޒަރުބައިޖާނާއި ބެލްޖިއަމްއާ ދެކޮޅަށެވެ.

އިބްރަހިމޮވިޗް މި ސީޒަނުގެ ބޮޑުބައެއްގައި އަނިޔާގެ ސަބަބުން ނުކުޅެ ހުރުމަށްފަހު، ފިޓްވެ ދަނޑު މައްޗަށް ނުކުމެފައި ވަނީ މީގެ ދެ ހަފުތާއެއް ކުރިންނެވެ. އޭނާ މިހާތަނަށް އޭސީ މިލާނަށް މި ސީޒަނުގައި ކުޅުނީ އެންމެ މެޗެއްގައެވެ. އެމެޗުގައިވެސް ދަނޑަށް ނުކުތީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.

އިބްރަހިމޮވިޗް އެންމެފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ އެގައުމުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފްގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުން ބަލިވެ ސްވިޑެން އެންމެފަހުން ވޯލްޑް ކަޕަށް ކޮލިފައިވެފައެއް ނުވެއެވެ.

ސްވިޑެން ގައުމީ ޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައިފައިވާ ފޯވަޑް އިބްރަހިމޮވިޗް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 121 މެޗުން 62 ގޯލު ޖަހައިދީފައެވެ. ޔޫރޯ 2016 އަށްފަހު އިބްރަހިމޮވިޗް ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނު ކުރި ނަމަވެސް، 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށް އަލުން ޓީމަށް ނުކުތެވެ.