ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ އެމްބެސެޑަރުކަން ކުރެވުމަކީ ލިބުނު ފަހުރެއް ކަމަށް އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނެފިއެވެ.
ގަތަރުގައި ނިމިދިޔަ ވޯލްޑް ކަޕަކީ ފުރިހަމަ ވޯލްޑް ކަޕަކަށް ވެގެން ގޮސްފައިވީ ނަމަވެސް، އެ މުބާރާތުގެ ކުރިން އިންސާނީ ހައްގުތަކާ ބެހޭ އެކިއެކި ޖަމިއްޔާތަކުން ގަތަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެއެވެ. އެގޮތުން ގަތަރަކީ މުސްލިމް ގައުމަކަށްވުމާއެކު، އެ ގައުމުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ނުކުރެވޭތީ އާއި ރަލުގެ ބާވަތްތައް ބޭނުން ނުކުރެވޭތީ ކިޔާފައިވާ ފާޑުގެ އިތުރުން މަސައްކަތްތެރިންނަށް އެކަށީގެންވާ ރައްކާތެރިކަން ނުދޭތީ ކިޔާފައިވާ ފާޑުކިޔުންތައް ހިމެނެއެވެ.
އެ ފާޑުކިޔުންތަކަށް ގަތަރުން ދިން އެންމެ ބޮޑު ރައްދަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކުޅިވަރު ޝަހުސިއްޔަތު، ބެކަމްއަށް ވޯލްޑް ކަޕްގެ އެމްބެސެޑަރުކަން ދިނުމެވެ. އެކަން ބެކަމް ގަބޫލުކުރީ ބޮޑު އަދަދެއްގެ ފައިސާއެއް ހުށަހަޅައިގެން ކަމަށާއި، ބެކަމް ގަތަރުގެ ލާއިންސާނީ ކަންކަން ހިމާޔަތް ކުރުމަކީ ލަދެއް ކަމަށްވެސް އޭރު ބައެއް ޖަމިއްޔާތަކުން ސިފަކުރިއެވެ.
އެ ވޯލްޑް ކަޕް ނިމިގެން ދުވަސްތަކެއްވެފައިވާ އިރު، ބެކަމް ވަނީ ދާދިފަހުން އެކަމާ ގުޅޭ ގޮތުން ބައެއް ވާހަކަތައް މީޑިއާއަށް ތިލަކޮށްފައެވެ. ބެކަމް ބުނީ ގަތަރު ވޯލްޑް ކަޕަކީ އެންމެ ފުރިހަމަ އެއް ވޯލްޑް ކަޕް ކަމަށާއި، ހުރިހާ ގޮތަކުންވެސް ގަތަރުން ކުރި މަސައްކަތް ފުރިހަމަ ކަމަށެވެ.
"ގަތަރު ވޯލްޑް ކަޕަކީ މި ފަހަކަށް އައިސް ބޭއްވި އެންމެ ރައްކާތެރިކަން ބޮޑުވެސް ވޯލްޑް ކަޕް. އެއްޖިންސުން ގުޅުން ހިންގުމަށް ތާއިދުކުރާ މީހުންނާވެސް އަހަންނާ ދިމާވި. އެމީހުންނަށްވެސް ގަތަރު ރައްޔިތުން އަދި އޮގަނައިޒަރުން އުނދަގޫކޮށް ނަހަދާ. އެމީހުންނަށް ގަތަރުން އިހުތިރާމްކުރި،" ބެކަމް ބުންޏެވެ.
ބެކަމް ބުނީ ގަތަރު ވޯލްޑް ކަޕާ ޕާޓްނާޝިޕް ހެދީ ރަނގަޅަށް "ހޯމް ވޯކް" ހެދުމަށްފަހުގައި ކަމަށާއި، އެ ވޯލްޑް ކަޕްގެ ބައިވެރިޔަކަށް ވެވުމަކީ ލިބުނު ބޮޑު "ފަހުރެއް" ކަމަށެވެ. އޭގެ އިތުރުން ބެކަމް ފާހަގަކުރީ ވޯލްޑް ކަޕަކީ އެކިއެކި ސަގާފަތްތަކުގެ ގައުމުތަކަށް ދުނިޔެއަށް ހުޅުވެން ލިބޭ ފުރުސަތެއް ކަމަށާއި، އެ ފުރުސަތުގައި ގަތަރުގެ ފުރިހަމަކަން ދުނިޔެއަށް އެނގިގެން ދިޔަކަމަށް ގަބޫލުކުރާ ކަމަށެވެ.
ގަތަރު ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އެއް ކުޅިވަރު އިވެންޓް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެ ވޯލްޑް ކަޕް ވެގެން ދިޔައީ އެންމެ ގިނަ ބަޔަކު ބެލިވެސް ވޯލްޑް ކަޕަށެވެ. އެކަމުގެ ސަބަބުން ވިޔަފާރީގެ ވިސްނުމުގައިވެސް ގަތަރު ވޯލްޑް ކަޕަކީ އެންމެ ކާމިޔާބު ވޯލްޑް ކަޕެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022