ރިސޯޓް ހެދުމަށް ވ. އާރަށް ދޫކުރުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެން އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމެއް ހައިކޯޓުގައި އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އުސްތާޒު އަހުމަދު ސިޔާޒް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީންގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:45 އަށް ކަމަށެވެ.
އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ ސެޕްޓެމްބަރު 26ގަ އެވެ.
ރައީސް ޔާމީންގެ އިސްތިއުނާފީ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އެ މަނިކުފާނު އެންޑޯޒް ކުރެއްވި ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުވެވަޑައިގަތުމާއެކު އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތިން މިދިޔަ އާދިއްތަ ދުވަހު، ރައީސް ޔާމީން ވަނީ ގެކޮޅަށް ބަދަލުކުރައްވައިފައެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނެތް ނަމަ މި މަހުގެ 17ގެ ކުރިން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު