ޚަބަރު

މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ގައްބަރޭ އާއި އިތުރު ދެ މީހެއްގެ މައްޗަަށް ދައުވާކޮށްފި

މުހައްމަދު އިޝާން

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހަކަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޒަރީރަށް ހަމަލާ ދިނީ މެއި 1ގެ މެންދަމުގެ ވަގުތެއްގައި މާލެ، "ހަބީބީ" ކެފޭތެރޭގައި އިންދައެވެ.

އެ މައްސަލައިގައި ގައްބަރޭގެ އިތުރުން ދެން ދައުވާކުރަން ފޮނުވީ ތ. ކިނބިދޫ/ ދީފުރަމްގެ، އަހުމަދު އަވްޝަމް އަދި މ. ތާޖް، މުލާއިމް މުހައްމަދުގެ މައްޗަށެވެ.

ގައްބާރޭގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ގައްބަރޭގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަވްޝަމް އަދި މުލާއިމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގެ ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއިން ކޮންމެ މީހެއްގެ މައްޗަށް ހަތް އަހަރާއި 10 އަހަރުގެ ޖަލު ހުކުމެއް އަންނާއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސްގެ މަގާމުގައި ހުރި ގައްބަރޭއަކީ 2007 ގައި ތޫނު އެއްޗަކުން ހަމަލާދީ ހ. ކުބްރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައިވާ މީހެކެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަތާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ ޖުވެނައިލް ކޯޓުގައި އުފުލިއެވެ. ނަމަވެސް ހެކި ނެތުމުން 2010 ވަނަ އަހަރު އެ ކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.