ރާއްޖެއަށް ބޭސް އެތެރެކުރުމާއި ވިއްކުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ބޭހާބެހޭ ގަވާއިދު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިއްޔެ ގެޒެޓުކޮށްފިއެވެ.

އެ ގަވާއިދުގައިވާ ގޮތުން ގަވާއިދާހިލާފަށް ނުވަތަ ހުއްދަ ނެތި ބޭސް އެތެރެކުރާ ފަރާތްތައް 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. މީގެ އިތުރުން، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ނުވަތަ ލައިސެންސް 14 ދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވާކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

ގަވާއިދުގައިވާ ގޮތުން ބޭސް ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި ސައްހަ ނޫން މައުލޫމާތު ދޭ ކުންފުނިތައް ބްލެކްލިސްޓު ކުރެވޭނެ ކަމަށާއި، ބްލެކްލިސްޓު ކުރާ ފަރާތްތަކަށް އަލުން ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭނީ ހަ މަސް ދުވަހުގެ މުއްދަތެއް ފާއިތުވުމުންކަމަށް ގަވައިދުގައިވެއެވެ.

ފާމަސީއެއް ރަޖިސްޓްރީ ކުރުމަށްފަހު ހަ މަސް ދުވަސްވާއިރު ވެސް ހިދުމަތް ނުފަށާ ނަމަ، ބޭސް ވިއްކުމުގެ ހުއްދަ ހިފަހައްޓާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ހިދުމަތް ދެމުންދާ ފާމަސީއެއް މެދުކެނޑުމެއްނެތި ތިން މަސް ދުވަހަށް ބަންދުކޮށްފައި ބާއްވައިފި ނަމަ، އެ ތަނަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުވާނެކަމަށް ގަވާއިދުގައިވެއެވެ.

އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާ ފަރާތްތަކަށް އާންމުކޮށް އެތެރެކުރެވޭނީ ތިން މަސް ދުވަހުގެ ބޭސް ކަމަށާއި، ނަމަވެސް، ބަލިމީހާގެ މެޑިކަލް ރިކޯޑުތައް ހުށަހަޅައިގެން ހަ މަސް ދުވަހުގެ ބޭސް އެތެރެކުރުމުގެ ފުރުސަތު ލިބޭނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

ގަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ގެޒެޓުކުރި ތާރީހުން ފެށިގެން 90 ދުވަސް ހަމަވުމުންނެވެ.