ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން އިނގިރޭސި ކްލަބުތައް ކަމަށްވާ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ބަލިވި އިރު، ރެއާލް މެޑްރިޑުން ނަޕޯލީ ބަލިކޮށްފިއެވެ.
ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ގަލަޓަސަރާއީ އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ބީގައި އާސެނަލުން ރަށުން ބޭރުގައި ލެންސް ކައިރިން 2-1 އިން ބަލިވި އިރު، ރެއާލްއިން ގްރޫޕް ސީގައި ނަޕޯލީ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ޔުނައިޓެޑުން މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައި ބަޔާން މިއުނިކް އަތުން ބަލިވެފައި އޮތް އިރު، ރޭގެ މެޗުން ބަލިވެ، އެޓީމުގެ ސީޒަނަށް ވަނީ އިތުރު މާޔުސްކަމަކާ ކުރިމަތިވެފައެވެ. އެންމެފަހުން ޔުނައިޓެޑުން ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން އެޓީމު ބަލިވެފައިވާ އިރު، ކޯޗު އެރިކް ޓެން ހާގަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފައެވެ.
ރޭގެ މެޗުގެ 17 ވަނަ މިނެޓުގައި މި ސީޒަނަށް ގެންދިޔަ ފޯވަޑް، ރަސްމުސް ހޮލުންޑްގެ ގޯލުން ޔުނައިޓެޑް ލީޑު ނެގި ނަމަވެސް، 23 ވަނަ މިނެޓުގައި ގަލަޓަސަރާއީގެ ވިލްފްރީޑް ޒަހާ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ނަތީޖާއާއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގައިވެސް އަލުން ފުރަތަމަ ލީޑު ނެގީ ޔުނައިޓެޑެވެ. އެ ގޯލުވެސް ޖަހައިދިނީ ހޮލުންޑެވެ.
އެ ގޯލަށްފަހުވެސް ޔުނައިޓެޑަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް، ކެރެމް އަކްތުރުކޮގްލޫގެ ގޯލާއެކު ގަލަޓަސަރާއީން އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ޔުނައިޓެޑަށް މެޗަށް އަނވބުރާވުމަށް އިތުރަށް އުނދަގޫވީ 77 ވަނަ މިނެޓުގައި ކަސެމީރޯއަސް ދެއްކި ރަތް ކާޑާއެކުގައެވެ.
އެ ރަތްކާޑާއެކު ގަލަޓަސަރާއީން ނުރައްކާ ބޮޑުކުރިއިރު، މައުރޯ އިކާޑީ ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެސް ކޮށްލައިފައެވެ. އެހެން ނަމަވެސް 81 ވަނަ މިނެޓުގައި އޭނާގެ ގޯލަކުން ގަލަޓަސަރާއީ އަލުން ލީޑު ނަގައި މެޗުން މޮޅުވިއެވެ.
ރަނގަޅު ފޯމެއްގައި އޮތް އާސެނަލުން ލެންސާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ގެބްރިއަލް ޖީސަސް ފުރަތަމަ ލީޑު ނަގައިދިން ނަމަވެސް، އެޑްރިއަން ތޮމަސޮންއާއި އަލްޔޭ ވާހީ ޖެހި ގޯލުތަކުން އެޓީމުން ވަނީ ފަހަތުން އަރައި އާސެނަލް ބަލިކޮށްފައެވެ.
ރޭ އެންމެ ފޯރިގަދަކޮށް ދިޔައީ ނަޕޯލީއާއި ރެއާލް ވާދަކުރި މެޗެވެ. ނޭޕަލްސްގައި ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި ލެއޯ އެސްޓިގާޑް ލީޑު ނެގި އިރު، ހާފު ނިމުމުގެ ކުރިން ރެއާލްއިން ނަތީޖާ އަނބުރާލިއެވެ. ރެއާލްއިން ފުރަތަމަ ހާފުގައި ޖެހި ދެ ގޯލުވެސް އެންމެ ބޮޑަށް ފެނުނީ މި ސީޒަނަށް ގެންދިޔަ މިޑްފީލްޑް ތަރި، އިންގްލެންޑްގެ ޖޫޑް ބެލިންހަމްގެ ތަފާތެވެ.
ރެއާލްގެ ފުރަތަމަ ގޯލު ވިނީޝިއަސް ޖޫނިއާ ޖެހީ ބެލިންހަމްގެ ޕާހަކުންނެވެ. އަދި ދެން ޖެހި ގޯލަކީ ބެލިންހަމް ޖެހި ހިތްގައިމު ގޯލެކެވެ. މެދުތެރެއިން ބޯޅައާއެކު ކުރިއަށް ޖެހި، ނަޕޯލީގެ ތިން ކުޅުންތެރިން ނައްޓާލައި ބެލިންހަމް ބޯޅަ ފޮނުވާލީ ސީދާ ގޯލުގެ ކަނަށެވެ.
ރެއާލްއަށް ކުޅުނު އަށް މެޗުގައި ބެލިންހަމް ވަނީ ހަތް ގޯލު ޖަހައި، ހަތަރު އެސިސްޓް ފުރިހަމަކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ނަޕޯލީއަށް ޕެނަލްޓީއެއް ލިބި، ޕިއޮޓާ ޒިއެލިންސްކީ ވަނީ އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެހެން ނަމަވެސް މެޗު ނިމެން ދަނިކޮށް، 78 ވަނަ މިނެޓުގައި ނަޕޯލީގެ އެލެކްސް މެރެޓް އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ރެއާލްއިން މެޗު ކާމިޔާބު ކުރިއެވެ.
ރޭ ކުޅުނު ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު އިތުރު މެޗުތަކަށް ބަލައިލާއިރު، ގްރޫޕް އޭގައި ބަޔާނުން ވަނީ 2-1 އިން އެފްސީ ކޯބެންހޭވަން ބަލިކޮށްފައެވެ. އަދި ސެވިއްޔާއާއި ޕީއެސްވީ ގްރޫޕް ބީގައި ކުޅުނު މެޗު ވީ 2-2 އިން އެއްވަރެވެ. އިންޓަ މިލާނުން ގްރޫޕް ޑީގައި ބެންފިކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު