ރާއްޖޭގައި މިހާރު ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ދެކޮޅު ކަމަށް އަދާލަތު ޕާޓީން ވެސް ނިންމައިފިއެވެ.

އަދާލަތުން އެ ގޮތަށް ނިންމާފައިވަނީ ރޭ އެ ޕާޓީން ބޭއްވި މަޝްވަރާގެ މަޖިލީހުގައެވެ.

"ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް، މިރޭ ބޭއްވުނު އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި." އަދާލަތުން ބުންޏެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އިއްތިފާގުން ނިންމާފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގެންފައެވެ. މަޖިލީހުން ވަނީ ނިޒާމީ ވޯޓެއް ނެގުމުގެ ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވެސް އަންގައިފައެވެ. އެ ވޯޓު ނެގުމަށް އަންގައިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

މިހާރު ރާއްޖޭގައި އޮންނަ ރިޔާސީ ނިޒާމުގައި އެއް ޕާޓީން ނިކުމެ ފުރަތަމަ ބުރުން އެއްވެސް ޕާޓީއަކަށް މިހާތަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭ ކަމަށާއި، މި ނިޒާމުގައި އަބަދުވެސް ޖެހެނީ ކޯލީޝަން ހަދަން ކަމަށް އިލްޔާސް ވިދާޅުވެފައިވެއެވެ. އެހެންކަމުން މިހާރު މިއޮތް ރިޔާސީ ނިޒާމާބެހޭގޮތުން "މިވަގުތު ރައްޔިތުންނާ ހަމައަށް ފެންނަ ނުފެންނަ ވޯޓެއް ގެނައުން މުހިއްމު، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށް ދިއުމަކީ އެންމެ ފަހުގޮތް،" ކަމަށް އިލިޔާސް ވިދާޅުވެފައިވެއެވެ.

އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީން ނިޒާމީ ވޯޓެއް ނަގަން އެއްބަސްވި ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރަސްމީ ގޮތުން ގޮތެއް ނިންމާފައެއް ނުވެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރާކަން ހާމަކުރައްވައިފައެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވަނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ރިޔާސީ އިންތިހާބެއްގެ ވޯޓަކަށް ފަހު އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނިޒާމީ ވޯޓަކަށް ގޮސްފިއްޔާ، ރިޔާސީ ނިޒާމު ބޭއްވުމަށްޓަކައި އަމަލީގޮތުން މަސައްކަތްކުރައްވާނެ ކަމަށެވެ.

"އެންމެ ރަނގަޅު ނިޒާމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ރިޔާސީ ނިޒާމު. އަޅުގަނޑުގެ ތާއީދުވެސް އޮތީ ރިޔާސީ ނިޒާމަކަށް ނިޒާމީ ވޯޓަކަށް ގޮސްފި ކަމަށްވަންޏާ، ރިޔާސީ ނިޒާމު ބޭއްވުމަށްޓަކައި އަޅުގަނޑު އަމަލީގޮތުން ވެސް މަސައްކަތްކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭގޮތުން އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަދި ރައީސް ސޯލިހު ވަނީ ބައްދަލުވުމެއް ބާއްވައި މަޝްވަރާކުރައްވައިފައެވެ. ނަޝީދު ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ވެސް ނިޒާމާ ބެހޭ ގޮތުން މަޝްވަރާގެ ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ޔާމީން ބޭނުންފުޅު ނުވުމުން އެ ބައްދަލުވުން ބޭއްވިފައެއްނުވެއެވެ.

ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ނާކާމިޔާބުވުމުން، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމުގެ ޒިންމާ ނަޝީދު ނަންގަވަންޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ. އެހެންވެ ބަރުލަމާނީއަކަށް ތާއީދު ނުކުރާނެކަމަށް އެ މެމްބަރުން ވިދާޅުވެފައިވެއެވެ.