ލިވަޕޫލާއި ޓޮޓެންހަމް ވާދަކުރި ޕްރިމިއާ ލީގު މެޗުގައި ލުއިސް ޑިއާޒް ޖެހި ގޯލު އޮފްސައިޑް ކަމަށް ދެއްކުމަށް މެޗު ރެފްރީންނާއި ވީއޭއާރް އޮފިޝަލުންނާ ދެމެދު ދައްކާފައިވާ ވާހަކަތައް އާންމުކޮށްފިއެވެ.
ލިވަޕޫލުން އެންމެފަހުން ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެފައިވާ އިރު، އެ މެޗުގައި ލިވަޕޫލްގެ ޑިއާޒް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ދެއްކީ ގޯސްކޮށްކަމަށް ވަނީ ނިންމައިފައެވެ. ލައިސްމަން ޑިއާޒް އޮފްސައިޑް ކަމަށް މެޗުގައި ނުބައިކޮށް ނިންމި ނަމަވެސް، ވީއޭއާރް ބަލަން ތިބި ޑެރެން އިންގްލެންޑާއި ޑޭން ކުކްވެސް އެ ނުބައި ރަނގަޅު ކޮށްދީފައެއް ނުވެއެވެ.
އެ ނިންމުމާމެދު ހިތްހަމަ ނުޖެހި ލިވަޕޫލުން މައްސަލަ ހުށަހަޅާފައިވެސްވެއެވެ. އަދި އެކަމާ ގުޅިގެން ރެފްރީންގެ އެންމެ އިސް ފަރާތުން ލިވަޕޫލްގެ ކިބައިން މައާފަށް އެދިފައިވެއެވެ. އެހިސާބުންވެސް މައްސަލަ ނިމިފައިނުވާ އިރު، ލިވަޕޫލުން ވަނީ އެ ވަގުތު މެޗުގެ ރެފްރީންނާއި ވީއޭއާރްގެ ރެފްރީންނާ ދެމެދު ދެކެވުނު ވާހަކަތައް އަޑުއަހަންވެސް އެދިފައެވެ.
އެގޮތަށް ލިވަޕޫލުން އެދުމާއެކު ރެފްރީންގެ ބޮޑީން ވަނީ އޯޑިއޯ އާންމުކޮށްފިއެވެ. އޯޑިއާގައި އިވޭ ގޮތުން އެ ނިންމުމަކީ މުޅިން ގޯސް ނިންމުމެކެވެ. ވީއޭއާރް ބަލައި ރެފްރީގެ ވާހަކައިން އެނގޭ ގޮތުގައި ދަނޑުމަތީގައި ނިންމި ނިންމުމަކީ ކޮބައިކަން ރަނގަޅަށް ނުބަލައި އޭނާ ވަނީ މެޗު ރެފްރީއަށް އިރުޝާދު ދީފައެވެ.
ޑިއާޒް ޖެހީ ގޯލެއް ކަމަށް މެޗުގެ ރެފްރީ ނިންމި ކަމަށް ބަލައި، ވީއޭއާރް ބަލަން އިން ޑެރެން މެޗު ރެފްރީއަށް އިރުޝާދު ދިނީ ނިންމުން ރަނގަޅު ކަމަށެވެ. އެހެންނަމަވެސް މެޗު ރެފްރީ ނިންމާފައި އޮތީ ޑިއާޒް އޮފްސައިޑް ކަމަށެވެ. އެކަން މާފަހުން ވީއޭއާރް ރެފްރީއަށް އެނގި، ނިންމުން ގޯސް ކަމަށް ބުނާ އަޑުވެސް އޯޑިއާގައި އިވޭ އިރު، އެ ނިންމުމަށް އިތުރު ގޮތެއް ނުހެދޭނެ ކަމަށް ރެފްރީ އެހިސާބުން ބުނެއެވެ.
ވީއޭއާރްގެ ގޯހުގެ ސަބަބުން މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ މެޗަށްފަހު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނީ އެ މެޗަކީ ކެރިއަރުގައި ދިމާވި އެންމެ ނާއިންސާފު މެޗު ކަމަށެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް