ދަ ޑިމޮކްރެޓްސްގެ މަގުސަދުތައް ހާސިލްކުރުމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ސަޕޯޓަރުން ތިބޭ ވަޓްސްއަޕް ގްރޫޕަކަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ޑިމޮކްރެޓްސްގެ މަގުސަދުތައް ހާސިލްކުރުމަށް ޕީޕީއެމާއި އެމްޑީޕީގެ އެހީތެރިކަންވެސް ބޭނުންވާނެ ކަމަށެވެ.

"ޑިމޮކްރެޓްސް ވަރުގަދަވުންވެސް ވަރަށް ބޭނުންތެރި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ މަގުސަދުތައް ހާސިލްކުރުމަށް ބޮޑު ދެ ޕާޓީގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު، ޑިމޮކްރެޓްސްގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ނިޒާމީ ވޯޓެއްގެ ގަރާރެއް ވައްދައި އެ ގަރާރު ފާސްކޮށްފައެވެ. އަދި ނިޒާމީ ވޯޓެއް ނަގައިދިނުމަށް އިލެކްޝަން ކޮމިޝަން (އީސީ) އަށް ވަނީ މަޖިލީހުން އަންގައިފައެވެ.

އީސީން ބުނެފައިވާ ގޮތުގައި ބަޖެޓު ލިބިއްޖެނަމަ މި މަހުގެ 30 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނަގާނެ ކަމަށެވެ.

ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ، އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޑިމޮކްރެޓްސްގެ ހިއްސާ އޮންނާނެ ކަމަށާއި އެ ޕާޓީގެ އެހީތެރިކަން ސަރުކާރަށް ލިބިގެންދާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމުގައި މިވަގުތު ހުންނެވި ރައްޔިތުންގެ މަޖލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.