ޚަބަރު

އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު މުއިއްޒު ގޮވައިލެއްވީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދިނުމަށް!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު 54 ޕަސަންޓުން ކާމިޔާބުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް މީރުމާ ހޮޓެލްގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވުމަކީ ގާނޫނުން ރައީސަށް ލިބިދޭ ބާރެއް ކަމަށެވެ.

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާ އަދަބުވެރިކަމާއެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް،" އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވުމަކީ މި ގައުމުގެ މަސްލަހަތަށްޓަކައި މިހާރު އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިންތިހާބީ ރައީސް މުއިއްޒު ވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން މިނިވަންކުރެއްވުން ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގައި، ޕީއެންސީގެ ކެނޑިޑޭޓެއްގެ ގޮތުގައި، ވާދަކުރެއްވުމުގެ ފުރުސަތު އިންތިހާބީ ރައީސް މުއިއްޒަށް ލިބިވަޑައިގަތީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިނުގެންނެވުމުންނެވެ. ރައީސް ޔާމީން ހުންނެވީ، އެ މަނިކުފާނުގެ ވެރިިކަމުގައި ރިސޯޓު ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދިނުމުގައި، ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އެއް ފޮށި ފިޔަވައި ހުރިހާ ވޯޓު ފޮއްޓެއް މިހާރު ގުނައިފައިވާ އިރު، ކުރި ހޯއްދަވާފައިވަނީ މުއިއްޒެވެ. މުއިއްޒަށް 126،850 ވޯޓު ލިބިވަޑައިގެން 53.85 ޕަސަންޓު ވަނީ ޔަގީން ކުރެވިފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 46.15 ޕަސަންޓެވެ. އެއީ 108,696 ވޯޓެވެ.