ޚަބަރު

ނަޝީދު، ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

މުހައްމަދު އިޝާން

އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ފުރަތަމަ ބުރުގައި އިލްޔާސަށް ލިބިވަޑައިގެންނެވީ އިންތިހާބުގެ ތިންވަނައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ދަ ޑިމޮކްރެޓްސްއާއި ޕީޕީއެމް/ޕީއެންސީން ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް ކޯލިޝަން ހެދުމުގެ އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް އެ ޕާޓީގެ ގިނަ މެމްބަރުން ތިއްބެވީ މުއިއްޒަށް ތާއީދުކުރައްވައިގެންނެވެ.

ނަޝީދު މިރޭ ކުރެއްވީ ޓުވީޓެއްގައި ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އެއް ފޮށި ފިޔަވައި ހުރިހާ ވޯޓު ފޮއްޓެއް މިހާރު ގުނައިފައިވާ އިރު، ކުރި ހޯއްދަވާފައިވަނީ މުއިއްޒެވެ. މުއިއްޒަށް 126،850 ވޯޓު ލިބިވަޑައިގެން 53.85 ޕަސަންޓު ވަނީ ޔަގީން ކުރެވިފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 46.15 ޕަސަންޓެވެ. އެއީ 108,696 ވޯޓެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101،581 ވޯޓު ހޯއްދަވައިގެން 46.06 ޕަސެންޓުން، މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. އެއީ 39.05 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސެންޓް މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ.

މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެފައިވެއެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،804 އެވެ. އެއީ 138.394 އަންހެނުންނާއި، 144،410 ފިރިހެނުންނެވެ. އޭގެ ތެރޭގައި ފުރަތަމަ ބުރަށްވުރެން އިތުރަށް 18 އަހަރުފުރޭ 408 ޒުވާނުން ހިމެނެއެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ. ދެވަނަ ބުރުގައި 87 ޕަސަންޓް މީހުން ވަނީ ވޯޓުލައިފައެވެ.