ގޭންގުތަކުން ޖިނާއީ ކުށްތަކަށް އަރައިގަންނަ މިންވަރު މިއަދު އިތުރުވެފައިވާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ގޭންގުތަކުން ކުށްތަކަށް އަރައިގަންނަކަން ފާހަގަ ކުރެވިފައިވާތީ، ރިޔާސީ އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަން ޖެހޭ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"މިފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި މިއަދު އިންތިހާބާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުން ފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވެއެވެ" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އެ ކަންތައް ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން އެފަދަ ބަޔާނެއް ނެރުނުއިރު ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމަށް ޝަރީފަށް ބަޔަކު ވަނީ ހަމަލާދީފައެވެ.
މީގެ އިތުރުން ރޭ ދަންވަރު ގްރޫޕަކުން ވަނީ މޫކައި ހޮޓަލުގައި އެމްޑީޕީން ކެމްޕޭން ހަރަކާތްތައް ހިންގަމުން ދަނިކޮށް އެ ސަރަހައްދަށް އެއްވެ އަޑުގަދަކޮށްފައެވެ.