މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިއިރު، ގަޑިއިރެއްގެ ތެރޭ 13 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނި ގޮތުގައި މިއަދު ހެނދުނު 9:00 އާހަމައަށް 36،312 މީހުން ވަނީ ވޯޓުލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 23.202 ފިރިހެނުންނާއި 13،110 އަންހެނުން ކަމަށްވެސް ބުންޏެވެ.

މި އަދަދަކީ ފުރަތަމަ ބުރުގައި ދެ ގަޑިއިރު ތެރޭގައި ވޯޓުލީ ވަރަށް ގިނަ ގިނަ އަދަދެކެވެ. ފުރަތަމަ ބުރުގެ ހެނދުނު 10:00 އާ ހަމައަށް ވޯޓުލީ 12 ޕަސެންޓް މީހުންނެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101،581 ވޯޓު ހޯއްދަވައިގެން 46.06 ޕަސެންޓުން، މާލޭ ސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. އެއީ 39.05 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، ވޯޓުލުމަށް ނުކުމެފައިވަނީ 75 ޕަސެންޓް މީހުންނެވެ. އެއީ އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ރިޔާސީ އިންތިހާބެއްގައި ވޯޓުލާން ނުކުތް އެންމެ ދަށް ޕަސަންޓޭޖެވެ.

މީގެ ކުރީ ރިޔާސީ އިންތިހާބުތަކުގައި 80 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުމެފައިވެއެވެ. އެގޮތުން 2008ގައި ބޭއްވި ފުރަތަމަ އިންތިހާބުގައި 86.5 ޕަސަންޓު މީހުން ވޯޓުލިއެވެ. އޭގެ ފަހުން ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 ޕަސަންޓު މީހުން ވޯޓުލި އިރު، އެންމެ ފަހުން 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 89.2 ޕަސަންޓު މީހުން ވޯޓުލިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލަ އަދަދަކީ 282،803 އެވެ. އޭގެ ތެރޭގައި އިތުރަށް ހިމެނެނީ މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނެވެ. އެއީ 196 އަންހެނުންނާއި 212 ފިރިހެންނެވެ.

ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިތުރުކޮށްފައެވެ. ދެވަނަ ބުރުގު ވޯޓުލުން ހަވީރު 5:00 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުއެވެ.