މާދަމާގެ އިންތިހާބުގައި ތިން ނަމްބަރަށް ވޯޓު ނުލެވިއްޖެއްޔާ ކުރިއަށްއޮތް ތަނުގައި ހިތާމަކޮށް، ރޯން ޖެހިދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ނިންމުމަށް އުސްފަސްގަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާދަމާގެ ވޯޓަކީ އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިންނާއި ޒުވާނުންނާއި އަންހެން އަދި ފިރިހެނުން އަދި ކިޔަވާ ކުދިންގެ ވެސް މުސްތަގުބަލާ ގުޅޭ ވޯޓެއް ކަމަށާއި އެއީ ދާނީ ސުލްހައާއި އަމާންކަމަށްތޯ ނޫނީ އެނބުރި ދާނީ ނާމާންކަމާއި ހަމަނުޖެހުމަށްތޯ ނިންމާ ނިންމުމެއް ކަމަށެވެ.

"އަޅުގަނޑުގެ އެދުމަކީ ތި ހުރިހާ ބޭފުޅުން މާދަމާ ހެނދުނު ހެނދުނާ ނުކުމެ ނަމްބަރު ތިނަކަށް ވޯޓުދެއްވުން. ދެވަނަ ފުރުސަތެއް ދެން ނެތް، ދެވަނަ ބުރެއް ވެސް ދެން ނޯންނާނެ. ތިން ނަމްބަރަށް ވޯޓު ނުލެވިއްޖެއްޔާ ކަރުނަ އަޅާ ރޯން ޖެހޭ ހިސާބަށް ގޮސްދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭގައި ކަންކަން ހިނގައިދިޔަ ގޮތާ މެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި މާލެއަށް ދިމާވެފައި އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ގެނެސްދެވުނު ހައްލާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ކޮވިޑުގެ ދުވަސްވަރުގައި ހޭދަކުރަން ޖެހުނު އުނދަގޫ ދުވަސްތައް މަތިން ވެސް ހަނދާން އާކޮށްލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އާލަމީ ބޮޑު ވަބާގެ މަތިން ހަނދާން އާކޮށް، އެ އިހުސާސްތައް އާކޮށްލަން ޖެހޭ. އެކަމުން އަރައިގަތުމަށް ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްތައް އެކުލެވޭ. އެ ވަބާ އިން ސަލާމަތްވެ، ހިންދަމާލެވިފައި މިވަނީ އަދި ކިރިޔާ. މިއީ އެތައް ބައެއްގެ ގުރުބާނީއަކާއި މަސައްކަތުން ކުރެވިފައިވާ މަސައްކަތްތައް. މިހާރު ރިސޯޓުތައް ހުޅުވި، އާމްދަނީ ލިބެން ފަށައިފި. ވިޔަފާރިވެރިންނާއި މަސްވެރިންނަށް މިވަނީ އުންމީދުތަކެއް އާވެފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފުރަތަމަ ބުރަށްފަހު މިދިޔަ 20 ދުވަހުގެ ތެރޭގައި ގިނަ ދާއިރާތަކެއްގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެ އިހުސާސްތައް އަޑު އައްސަވާފައިވާނެ ކަމަށާއި މިހާރުން މިހާރަށް ގެނެވޭނެ އިސްލާހުތަކާއި ގެނެވޭނެ ބައްދަލުތައް ގެނެސްދެވިފައިވާ ކަމަށެވެ. އަދި ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި މިހާރުން މިހާރަށް ސިޔާސަތުތައް ކަނޑައަޅައި މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.