އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަަހައްދަށް 'ދިޔަރެސް' ނޫހުގެ ނޫސްވެރިން ހުއްދަ ނެތި ގޮސް، އެތަނަށް ވަންނަން މަސައްކަތް ކުރި ގޮތަށް، ޕީޕީއެމްގެ ސަރުކާރެއްގައި ބަޔަކު ދިޔަ ނަމަ، އެ މީހުންނަށް އަނބުރާ މާލެ ނާދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ދިޔަރެސް" ނޫހުގެ ދެ ނޫސްވެރިއަކާއި އިތުރު ދެ މީހަކު މިދިޔަ އާދީއްތަ ދުވަހު ލޯންޗެއްގައި އުތުރު ތިލަފަޅަށް ގޮސް އެ ތަނަށް އަރަން މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ބުނާއިރު، އެ މައްސަލަ އެމްއެންޑީއެފްގެ ފަރާތުން ވަނީ ފުލުހުންނަށްވެސް ހުށަހަޅައިފައެވެ.

އެމްޑީޕީގެ 'ސޯސަން ޖަގަހަ' ކައިރީގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އުތުރު ތިލަފަޅަށް ބަޔަކު އަރަން އުޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުވަތަ ދެން އުފެދިދާނެ ޕީޕީއެމްގެ ވެރިކަމެއްގައި ހިނގި ކަމެއް ނަމަ، އެ މީހުން އަނބުރާ މާލެ ނާދެވޭނެ ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯގާތެރިކަމުން އެ ތަނަށް އަރަން އުޅުނު މީހުންނާ ސުވާލެއްވެސް ކޮށްލަން ބޭނުން ނުވި ކަމަށެވެ.

އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށާއި ނަމަވެސް ސަރުކާރުން އޮތީ ރައްޔިތުންނަށް ދީފައިވާ އެ މިނިވަންކަން ދެކިލުމުގެ ބޭނުމުގައި ކަމަށް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި މިނިވަން ނޫސްވެރިކަމެއްވެސް ނުހިންގޭނެ ކަމަށެވެ. އެގޮތުން ސަރުކާރާ ދެކޮޅަށް އެއްވެސް ނޫހެއް ނުހިންގޭނެ ކަމަށާއި ސަރުކާރުގެ ވެރިންނާ ދެކޮޅަށް އަޑުއުފުލާ ކޮންމެ މީހަކު ލާނީ ޖަލަށް ކަމަށްވެސް ވިދާޅުވިއެވެ.