ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ ރާއްޖެއިން ބޭރުން މީހުން ފަރުވާ ހޯދަން އަންނަ ފެންވަރަށް ދަރުމަވަންތަ ހޮސްޕިޓާ ތަރައްގީކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ރޭ ގެނެސްދިން "ޑރ. މުއިއްޒު ރައްޔިތުންގެ ގާތަށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަކީ، ދިވެހިން ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިއުމުގެ އަޅުވެތިކަން ނިމުމަކަށް ގެނައުމުގެ ބޭނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިއަށް ގެންދެވި މަޝްރޫއެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ އޭނާގެ ސިޔާސަތަކަށް ވާނީ، ޔާމީން ބޭނުންފުޅުވި ގޮތަށް ދަރުމަވަންތަ ހޮސްޕިޓާ އިތުރަށް ތަރައްގީކުރެއްވުން ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ އެ ދަރުމަވަންތަ ހޮސްޕިޓަލް ދެންމެ މި ދެންނެވި ގޮތަށް އިތުރަށް ފުޅާކޮށް، އިތުރު އިމާރާތްތައް އަޅައި، އިތުރު ހިދުމަތްތައް ދެވޭނެ ތަނަކަށް ހަދައި، ރާއްޖެއަށް އަބަދު އެއް ގައުމަކަށް ހާއްސަކޮށް ބޭސްފަރުވާއަށް ކުޑަކަމަކު ވިޔަސް ދާން ޖެހޭ ދިއުން ނިމުމަކަށް ގެނައުން. އެއިރުން ރާއްޖެއިން ބޭރަށް ގޮސް މި ހޭދަކުރަން ޖެހޭ ބޭރު ފައިސާ ހޭދަ ކުރުން ވެސް ނިމުމަކަށް ގެނެސް، ރާއްޖޭގަ ތިބެގެން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ލިބިގެންދާނެ. އަދި އޭގެ އިތުރަށް ރާއްޖެއިން ބޭރުން ވެސް މީހުން ރާއްޖެ އައިސް ރާއްޖޭގެ ހިދުމަތް ހޯދާ ތަނަކަށް އެތަން ހެދިގެން ދާނެ" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫއުގެ ހަގީގަތް އޮޅުވާލައި ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދުމަށް މި ސަރުކާރުން ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު