ސްޕޭނުގެ ލީގުގައި ބާސެލޯނާ ފަހަތަށް ޖައްސައިލުމަށްފަހު ބުދަ ދުވަހުގެ ރޭ ޖިރޯނާ ޓޭބަލްގެ އެއްވަނައަށް އަރައިފިއެވެ.
ރަށުން ބޭރުގައި ވިޔަރެއާލާއި ވާދަކޮށް ޖިރޯނާ މޮޅުވީ ދޭއް އެކަކުންނެވެ. މި ނަތީޖާއާއެކު ހަތް މެޗުން ޖުމްލަ ނަވާރަ ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނަ ލިބިފައިވަނީ ޖިރޯނާއަށެވެ.
ޖިރޯނާއަށްވުރެ އެއް ޕޮއިންޓް މަދުން ޖުމްލަ އަށާރަ ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގައި މިހާރު އޮތީ ރެއާލް މެޑްރިޑެވެ. ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލަސް ޕާލްމާސް އަތުން ރެއާލް މެޑްރިޑް މޮޅުވީ ދޭއް ސުމަކުންނެވެ. ލަނޑު ޖަހައިދިނީ ޑިޔާޒާއި ހޯސެލޯއެވެ.
މި ހަފުތާ ފެށުނުއިރު ޓޭބަލްގެ އެއްވަނައިގައި އޮތް ބާސެލޯނާ މިހާރު އޮތީ ތިންވަނައަށް ސޮއްސާލައިފައެވެ. އެހެން އެވީ މި ހަފުތާގައި މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ މޮޅުނުވެ އެއްވަރު ވުމުންނެވެ. ބާސާގެ ފަހަތުން ހަތަރުވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯއަށް ބުދަ ދުވަހުގެ ރޭ މި ފަރަގު އެންމެ ޕޮއިންޓަކަށް ކުޑަކުރަން ފުރުސަތު ލިބުނެވެ. އެކަމަކު ގެޓަފޭއާ ވާދަކޮށް ދޭއް ދޭކުން އެއްވަރުވުމާ ގުޅިގެން ފަރަގު އޮތީ މިހާރު ތިން ޕޮއިންޓްގައެވެ.
ވެލެންސިއާ ވަނީ ރޭ ރެއާލް ސޮސިއެޑާޑާއި ވާދަކޮށް އަމިއްލަ ދަނޑުގައި އެކެއް ސުމަކުން ބަލިވެފައެވެ. ސްޕޭނުގެ ބޮޑެތި ބާރުތަކުގެ ތެރެއިން އެތުލެޓިކޯ މެޑްރިޑް ބުރާސްފަތި ދުވަހު ނިކުންނާނީ އޮސަސޫނިއާއާ ދެކޮޅަށެވެ. އެހެން ޓީމުތަކަށްވުރެ ދެ މެޗު މަދުން ކުޅެ ޖުމްލަ ދިހަ ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް މިވަގުތު އޮތީ ޓޭބަލްގެ ހަތްވަނައިގައެވެ.