"އިންޑިއާ ފަސްޓް ޕޮލިސީ" ބަސް ވެސް އުފެއްދެވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށާއި އެ ވާހަކަތައް ދައްކަވާފައިވަނީ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ތިނަދޫ ސިޓީއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބޭނެ މަރުކަޒެއް ހަދާ ވާހަކަ އިދިކޮޅުން ދައްކަމުންގެންދާ ކަމަށާއި އުތުރު ތިލަފަޅުގައި ކުރަމުންދާ މަސައްކަތްތަކަކީ 2015 ވަނަ އަހަރު ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެއް ކަމަށެވެ.
"ފަހަތުގައި އިންޑިއާގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އޭރު ހުންނެވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ދެ ބޭފުޅުން އޭރު ތިއްބެވީ އަތްތިލަބަޑި ޖައްސަވަން. އެ ޕޯޑިއަމްގައި ހުއްޓިވަޑައިގެން އޭރު ރައީސް ޔާމީން ވިދާޅުވި އިބާރާތެއް އިންޑިއާ ފަސްޓް ޕޮލިސީ. އެއީ އެމަނިކުފާނު އުފެއްދެވި ބަހެއް. މިހާރު އަޅުގަނޑުމެންނާ ދިމާލަށް އިނގިލި ދިއްކުރައްވައި ވިދާޅުވަނީ ރާއްޖެ ވިއްކާލައިފިއޭ، އުތުރު ތިލަފަޅުގައި އެ ތިބެނީ އިންޑިއާ ސިފައިންނޭ. އެ ދުވަހު އެ ބަދަލުކުރެވުނު ބަންޑެލިތަކުގެ ތެރޭގައި އޮތް އެއް އެގްރިމަންޓަކީ ޑިފެންސް އެކްޝަން ޕްލޭން ކިޔާ ދެ ގައުމުގެ ދޭތެރޭގައި ވެފައި އޮތް އެއްބަސްވުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅުގައި ދިވެހި ސިފައިންނަށް ބޭނުންވާ ކޯސްޓްގާޑް ބަނދަރެއް ހެދުމާއި އެއާޕޯޓެއް އެޅުން އަދި އެހެންވެސް ބައިވަރު ކަންތައްތަކުގެ ވާހަކަ އެ އެއްބަސްވުމުގައި ހިމެނޭ ކަމަށާއި އުތުރު ތިލަފަޅުގައި އަޅަމުން އެ ގެންދަނީ ކޯސްޓްގާޑަށް ބޭނުންވާ ބަނދަރެއް ކަމަށެވެ. އަދި ރާއްޖޭގައި އޮތް ދެ ހެލިކޮޕްޓަރު ގެނައުމަށް ވެސް ސޮއިކޮށްފައިވަނީ ކުރީގެ ސަރުކާރުތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ދެ ހެލިކޮޕްޓަރު ގެނެސްގެން މި ތަނުގައި ހުރިހާ ކަމެއް ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް. ކީއްވެގެންތޯ ކުއްލިއަކަށް 2018ގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ ތަނުގައި މި ދެ ހެލިކޮޕްޓަރަކާ ހެދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާސަތަށް ނުރައްކަލެއް ވާންވީ، އޭގެ ކުރިން ނުވެ އޮތް ނުރައްކަލެއް. އޭގެ ކުރިން ހަމަ އޯކޭ، މިހާރު ސަކަރާތް. އެއީ އަޅުގަނޑުމެންނަށް ވިސްނައިގަންނަން ދަތި އެއްޗަކީ. އަޅުގަނޑުމެންނާ ދިމާލަށް އިނގިލި ދިއްކޮށް، ދައްކާނެ ވާހަކައެއް ނެތިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ދައްކާ ވާހަކައެއް، މި ފިތުނައިގެ ވާހަކައަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އައްޑޫގައި ފުލުހުން ތަމްރީނުކުރާ މަރުކަޒު ހަދަމުންދިޔަ އިރުވެސް، އެއީ އިންޑިއާ ސިފައިން ތިބޭ މަރުކަޒެއް ކަމަށް އިދިކޮޅުން ގޮވަމުން ދިޔަ ކަމަށާއި ނަމަވެސް މިހާރު އެތަން އަޅައި ނިންމައި، ފުލުފުލުގައި 300 ފުލުހުން ތަމްރީނުކުރަމުންދާ ކަމަށެވެ. އަދި އެ އެގްރިމަންޓުގައި ވެސް ސޮއިކުރައްވާފައިވަނީ ކުރީގެ ސަރުކާރުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު