ޚަބަރު

ބާސެލޯނާ މޮޅުނުވުމުގެ ފައިދާ ނަގައި ޓޭބަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ދެ ޓީމަކަށް

ސްޕޭންގެ ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި މަޔޯކާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ދޭއް ދޭކުން އެއްވަރުވެގެން ނިމިއްޖެއެވެ.

މަޔޯކާގެ އިބެރޯސްޓަރ ސްޓޭޑިއަމްގައި ކުޅުނު މިމެޗު މަޔޯކާއިން ފަށައިގަތީ ވަރަށް ވަރުގަދަކޮށެވެ. އެ ޓީމުގެ ދެގޯލްވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ބާސެލޯނާގެ ފުރަތަމަ ގޯލް 41 ވަނަ މިނިޓްގައި ޖަހައިދިނީ ރަފީނިއާއެވެ. ފަހު ގޯލް 75 ވަނަ މިނިޓްގައި ޖަހައިދިނީ ލޯޕެޒްއެވެ. މަޔޯކާއިން މެޗު ނިންމައިލީ މަފެއޯއަށް ދެއްކުނު ރަތްކާޑުގެ ސަބަބުން އެއްކުޅުންތެރިއަކު މަދުކޮށެވެ.

ޓޭބަލްގެ އެއްވަނައިގައި ބާސެލޯނާ މިވަގުތު އޮތަސް ބާސާ މޮޅުނުވުމުގެ ފައިދާ ނަގައި ޓޭބަލްގައި އެއަށްވުރެ މައްޗަށް އެރުމުގެ ފުރުސަތު ދެޓީމަކަށް އެބައޮތެވެ. ބުދަދުވަހުގެ ރޭ ވިޔަރެއާލާ ދެކޮޅަށް ކުޅޭ މެޗުން ޖިރޯނާ މޮޅުވެއްޖެނަމަ އެޓީމަށް ޓޭބަލްގެ އެއްވަނަ ލިބޭނެއެވެ. ޖިރޯނާ މޮޅުނުވެފައި ލަސް ޕާލްމާސް އަތުން ބުދަދުވަހުގެ ރޭ ރެއާލް މެޑްރިޑް މޮޅުވެއްޖެނަމަ ރެއާލަށް ޓޭބަލްގެ އެއްވަނަ ލިބޭނެއެވެ. ބުދަދުވަހުގެ މެޗުތައް ނިމޭއިރު ބާސެލޯނާ ޓޭބަލްގެ ތިންވަނައަށް ސޮއްސައިލުން ވަރަށް ގާތެވެ.

ބާސެލޯނާގެ މެޗު އެއްވަރުވިއިރު ސެވިއްޔާ ވަނީ އަލްމެރިއާ އަތުން ބޮޑު މޮޅެއް ހޯދާފައެވެ. އަމިއްލަ ދަނޑުގައި ސެވިއްޔާ މޮޅުވީ ފަހެއް އެކަކުންނެވެ. މޮރޮކޯގެ އައްނަސީރީއާއި އާޖެންޓީނާގެ އެރިކް ލަމޭލާވެސް ސްކޯރ ޝީޓުން ޖާގަ ހޯދިއެވެ. އަލްމެރިއާއަށް ސުން ކަނޑުވާލަދިނީ ކޮލަމްބިއާގެ ލުއިސް ސުއަރެޒްއެވެ.