މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން މާޔޫސްވާ ވަރުގެ ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، މާލެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އައްޑުއަށް ވަޑައިގެން ކެމްޕެއިން ޓީމްތަކާ މިއަދު ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ފުރަތަމަ ބުރުގެ ނަތީޖާ ނުކުތީ އުންމީދު ކުރި ގޮތަކަށް ނޫން ކަމަށެވެ.
"ސަބަބުތަކެއް އެބަހުރި. އެ އިންތިހާބަށް ފަހުގައި އަޅުގަނޑުމެން އިށީނދެ ބަލައިލީ ކިހިނެތްތޯވީ. އަޅުގަނޑަށް މާޔޫސްކަމެއް އޭގެން ނުފެނޭ. އޭގެން އަޅުގަނޑަށް ފެނުނީ އުންމީދު. ރަނގަޅުކުރަން ހުރި ކަންތައްތަކެއް ފާހަގަކުރެވުނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވަނީ ފުރަތަމަ ބުރުން ބަލިވި މައިގަނޑު ތިން ސަބަބެއްވެސް ތަފްސީލްކޮށްދެއްވައިފައެވެ. އެގޮތުން އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ފަހު ދުވަހަށް ތައްޔާރު ނުވެވުމެވެ.
"ރީޗްވާންވީ ވަރަކަށް ރައްޔިތުންނަށެއް ވޯޓާސްއަކަށް ރީޗްވެވިފައެއް ނެތް،" ރައީސް ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕާޓީއިން ބަޔަކު ވަކިވުމެވެ. ނަމަވެސް އެމްޑީޕީގެ ފިކުރަށް އަދިވެސް ރާއްޖޭގެ ރަށްތަކުގައި މެޖޯރިޓީ އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހަށް ތާއީދުކުރައްވާ ފެކްޝަނަކާއި އެ ޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ފެކްޝަނެއް އުފެދި ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެ، ނަޝީދުގެ ފެކްޝަނުން ވަނީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް އުފައްދައި ރިޔާސީ އިންތިހާބުގައި ވާދަކޮށް 15،000 ވުރެ ގިނަ ވޯޓު ހޯދައިފައެވެ.
"ވަރަށް ރަނގަޅަށް ހިސާބު ބަލައިލީމާ އަޅުގަނޑުމެން ދެބައި މީހުން އެއްކޮށްލީމާ މިއުޅެނީ 50 ޕަސަންޓް ކްރޮސްކޮށް، ޕީޕީއެމްއަށް އަޅުގަނޑުމެންނާ ހިސާބަކަށް ނާދޭ. މަސައްކަތްކުރަންވީ އަޅުގަނޑުމެންގެ ތެރެއިން ވަގުތީގޮތުން ވަކިވެގެން މިދިޔަ މީހުން އަނބުރާ އަޅުގަނޑުމެންގެ ތެރެޔަށް ގެނައުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަންޒަރު މާލެއިން މިހާރު ފެންނަ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ދޮގުތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމުން ރައްޔިތުންގެ އިތުބާރު ލިބޭނެ ކަމަށާއި ހަގީގަތް ރައްޔިތުންނަށް ސާފުވެ ދޮގަށް ހެއްލޭ މީހުން މަދުވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ތިންކަންތައް ކުރެވިއްޖެއްޔާ މި އިންތިހާބު އަޅުގަނޑުމެންނަށް މިއޮތީ ބޮޑުތަނުން ކާމިޔާބުވެފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފުރަތަމަ ބުރުން ފާހަގަވިކަންކަން ރަނގަޅުކޮށް ދެވަނަ ބުރަށް އެމްޑީޕީން ތައްޔާރުވެފައިވާ ކަމަށާއި ކާމިޔާބު ލިބޭނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު