ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެއް ކޯލިޝަންގައި އޮތުމަށް ފަހު އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރަށް ކޯލިޝަން ރޫޅާލައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ) އިން ނިންމުމަކީ ގޯސް ނިންމުމެއްކަން އެ ޕާޓީއަކަށް ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ އެކު ކުރިއަށް ދިޔުމަށް އެމްޑީއޭއިން ނިންމީ އެ ޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ 97 ޕަސަންޓު މެންބަރުންގެ ތާއީދާއެކުގައެވެ. އެމްޑީއޭއިން ވަނީ އެމްޑީީޕީން ބަލި ގަބޫލުކޮށްފައިވާ ކަމަށާއި ރައްޔިތުންގެ ތާއީދު އޮތީ ޑރ. މުއިއްޒަށް ކަމަށްވެސް ބުނެފައެވެ.
މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ފުރަތަމަ ފަހަރަށް އައްޑުއަށް ވަޑައިގެން، ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވައި ރައީސް ވަނީ އެމްޑީއޭއިން ކޯލިޝަނުން ވަކިވި ނަމަވެސް މާޔޫސް ނުވުމަށާއި އެއީ ކަންބޮޑުވާންވީ ކަމެއްވެސް ނޫން ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު އެ ބޭފުޅުންނަށް (އެމްޑީއޭ) އަށް ހެޔޮ ރަނގަޅު މުސްތަގުބަލަކަށްވެސް އެދެން. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އުންމީދުތައް ވަރަށް އުޖާލާއޭ. އެ ބޭފުޅުންގެ އެ ނިންމެވުން އަޅުގަނޑު ހިތުން އަދި އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ފަހުން ފެނިގެންދާތަންވެސް ލަސްތަކެއްނުވެ އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމްޑީއޭއިން ކޯލިޝަނުން ވަކިވުން ކުރީގެ މުހާވިރާއަކުންވެސް ސިފަކޮށްދެއްވައިފައެވެ. އެގޮތުން "އަންނަ އެއްޗެހީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދާ އެއްޗެހިވެސް ހުންނާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީއޭއަކީ، 2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެނައުމަށް ޕީޕީއެމާ އެއް ކޯލިޝަނެއްގައި އޮތް ޕާޓީއެކެވެ. އޭގެ ފަހުން 2018 ވަނަ އަހަރުވެސް އެ ޕާޓީން މަަސައްކަތްކޮށްފައި ވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށެވެ. ނަމަވެސް އެ ފަހަރު އެއްވެސް ޕާޓީއަކާ އެމްޑީއޭއިން ކޯލިޝަން ހަދާފައެއް ނުވެއެވެ.