އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް ތާއީދުކުރާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީއަކީ 2018 ވަނަ އަހަރު ރައީސް ސޯލިހުގެ ސަރުކާރު އުފެއްދުމުގެވެސް އެއް ހިއްސާދާރެވެ. އަދި މި ފަހަރުގެ އިންތިހާބުގައިވެސް އަދާލަތުންވަނީ އެމްޑީޕީއާ ކޯލިޝަން ހަދައިފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަދާލަތާއެކު އެމްޑީޕީއާ ދެން ކޯލިޝަން ހަދާފައިވަނީ އެމްޑީއޭއިންނެވެ. ނަމަވެސް އެމްޑީއޭއިން ވަނީ ކޯލިޝަން ރޫޅާލައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ރޭ ނިންމައިފައެވެ.

އަދާލަތު ޕާޓީން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ބުނީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަހަރުގެ ރިޔާސީ އިންތިހބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުން މަތީ އެ ޕާޓީން ދެމި އޮތް ކަމަށެވެ.

"މާތް ﷲގެ އިރާދަފުޅާއެކު މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީ އާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކާއެކުގައި މި ޕާޓީއިން ކުރާނެ ވާހަކަ ދެންނެވީމެވެ،" އަދާލަތު ޕާޓީން ބުންޏެވެ.

މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 39 ޕަސަންޓެވެ. އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް، ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވީ 46 ޕަސަންޓު ވޯޓެވެ.

ފުރަތަަމަ ބުރުގައި ވާދަކުރި އެހެން ޕާޓީތަކުގެ ތެރެއިން އެމްއެންޕީން ވަނީ ޕީޕީއެމް/ޕީއެންސީއާއެކު ކޯލިޝަން ހަދައިފައެވެ. އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ނިންމަވާފައި ވަނީ ދެވަނަ ބުރެއްގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އޭގެ ތެރޭގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯދި "ދަ ޑިމޮކްރެޓްސް" ވެސް ހިމެނެއެވެ.