އެއާޕޯޓުގެ އޭޕްރަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސްކު އެލަވަންސެއް ދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އެމްޑީޕީން މިރޭ ޗާންދަނީ މަގުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޑޮލަރުން މުސާރައިގެ އެއްބައި ލިބޭގޮތަށް ހަދައިދިނުމަކީ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން އެދޭ ކަމެއް ކަމަށާއި އެގޮތުން މުސާރައިގެ 50 ޕަސަންޓް، ޑޮލަރުން ދޭން މިހާރު ނިންމަވާފައިވާނެ ކަމަށެވެ.
"އެއާޕޯޓުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އޭޕްރަންގައި މަސައްކަތްކުރާ ފަރާތްތައް، އެއީ ރިސްކުތަކަކާ އެކީގައި މަސައްކަތްކުރާ ފަރާތްތަކަކަށްވާތީ އެބޭފުޅުންނަށް ރިސްކު އެލަވަންސެއް އޮކްޓޯބަރު އެކަކުން ފެށިގެން ލިބޭނެކަމުގެ ޔަގީންކަން މިރޭ ތިބޭފުޅުންނަށް އަޅުގަނޑު އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ)ގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި އެއީ މުޅި ސެކިއުރިޓީ އާއި އެތައް ބައެއްގެ ފުރާނައާ ގުޅިފައި ހުރި މަސައްކަތްތަކެއް ކުރާ މުވައްޒަފުންތަކަކަށްވުމާއެކު ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ.
"އެބޭފުޅުން އެ އެދިވަޑައިގެންނެވި ގޮތަށް މިހާރު ވާނީ އޭޓީސީއަކީ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށް، މުޅިން ވަކިކޮށް، މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސް، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަސް ތެރޭގައި އެބޭފުޅުންނަށް އެކަން ހައްލުވެގެންދާނެކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުންފުނިތަކުގައި މަސައްކަތްކުރާ ތަފާތު ދާއިރާގެ މީހުން އުޅޭ ކަމަށާއި އެ މުވައްޒަފުން ބޭނުންވާ ކަންކަން އޮޅުންފިލުވުމަށް އެމީހުންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ގެނެވެން ހުރި ބަދަލުތައް ގެންނަވަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު