ޖިމަކާއި ރެސްޓޯރެންޓެއް ހިމެނޭ ގޮތަށް އުރީދޫ މޯލްޑިވްސްގެ އާ ހެޑް އޮފީސް ހުޅުވައިފިއެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ މޯލްޑިވްސްގެ އާ ހެޑް އޮފީސް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލް އުސްމާން ފަޚްރޫ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.
އުރީދޫ މޯލްޑިވްސްގެ އެ އިމާރާތް އިފްތިތާހުކުރުމުގެ ގޮތުން މުޅި އިމާރާތް އަލިފާނުގެ ފަރުދާއަކާއި ހިތްގައިމު ހަވާ އެރުވުމުގެ ކުލަތަކުން މުޅި އިމާރާތް އަލިކޮށްލިއެވެ. 11 ބުރީގެ އެ އިމާރާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ހުންނަ އިރު، ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ލިބެން ހުރެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ ވޭތުވެދިޔަ 18 އަހަރުން ފެށިގެން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތަނބެއް ކަމަށާއި އުރީދޫ ގެ ޓީމުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަކީ އަގުނުކުރެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ 4ޖީ ނެޓްވޯކް ތައާރަފުކުރުމާއި، އީޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފުކުރުމާއި، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމަށާއި އެހެނިހެން އިޖުތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ ގުނަ ހިދުމަތްތައް ހިމެނޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
"މީގެ އިތުރުން ހެޔޮ އަގުގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ހިދުމަތްތަކުން ދިވެހިން ގުޅާލައިދީ ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކޮށް، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށާއި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް މަރުހަބާ ކިޔަން. ކުރިއަށްއޮތް ތަނުގައިވެސް އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އާއި އެ ކުންފުނީގެ ޓީމުން ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް ނަމޫނާ ހިދުމަތްތަކެއް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް،" ނައިބު ރައީސް ވިދާޅުވިއެވެ.
އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، އަޒީޒް އަލް އުސްމާން ފަޚްރޫ ވިދާޅުވީ ރާއްޖެ އަކީ ޑިޖިޓަލް ހިދުމަތްތަކުން މުޖުތަމައުތައް ބިނާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ހާއްސަ ޖާގައެއް އޮތް ގައުމެއް ކަމަށާއި ހުޅުވިގެންދިޔަ އާ ހެޑްކުއާޓަރަކީ، ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމުގެ އަޒުމުގައި ފާއިތުވި އަހަރުތަކުގައި އުރީދޫ އިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ރަމްޒެއް ކަމަށެވެ.
"ހަމަ އެހެންމެ ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ގެނެސް ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމިތިބޭނެ ކަމުގެ ހެއްކެއް. މި ފުރުސަތުގައި އަޅުގަނޑުމެންގެ މި މަސައްކަތަށް އެއްބާރުލުންދީ މި މަސައްކަތުގައި ބައިވެރިވަޑައިގަންނަވާ ސްޓޭކްހޯލްޑަރުންނަށް ވަރަށް އިހުލާތެރިކަމާއެކު ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ހެޑް ކުއާޓާސް ރަމްޒުކޮށްދެނީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އެ ކުންފުނީގެ ހީވާގި ޓީމުން ކުރަމުން އައި ބުރަ މަސައްކަތުގެ ކާމިޔާބީތަކާއި ހާސިލުކުރެވިފައިވާ ލަނޑުދަނޑިތައް ކަމަށެވެ.
"މި އިމާރާތަކީ ދިވެހި ރައްޔިތުންނާއެކު އޮންނަ ގާތް ގުޅުމާއި، މުޖުތަމައުތަކުގެ ކުރިއެރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތާއި މިހާރަށްވުރެ އުޖާލާ، ގުޅިލާމެހިފައިވާ މުސްތަގުބަލެއް ގާއިމުކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ރަމްޒެއްވެސްމެ. މި ފުރުސަތުގައި އުރީދޫ މޯލްޑިވްސްގެ ހީވާގި މުވައްޒަފުންގެ ބުރަ އަދި ކާމިޔާބު މަސައްކަތް ފާހަގަކޮށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލާމާއި އިތުބާރަށް ފަށްފަށުން ޝުކުރުދަންނަވަން،" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ހުޅުމާލޭގެ މެދުގައި ހިމެނޭ އެ އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނޭ އިރު، އެ އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރެވިފައިވެއެވެ. ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވިފައިވާ އެ އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާ އާއި، ކުއަޓް ރޫމްސް، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ޕާކިން އޭރިއާގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ޖިމް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.
އެ އިމާރާތުގައި ތިމާވެށީގެ ދެމެހެއްޓެނިވި އެތައް ސިފަތަކެއް ހިމެނޭ އިރު، އިރުގެ ހޫނުން ސަލާމަތްވުމުގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިމާރާތުގެ ބޭރުގައި ބޭނުންކުރެވިފައިވަނީ ލެމިނޭޓެޑް ޓެމްޕަރޑް ބިއްލޫރިއެވެ. އެ އިމާރާތުގައި ތާޒާ ވައިގެ ސަޕްލައި ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓް ސިސްޓަމާއި ސޯލާ ޕެނަލްގެ އިތުރުން ފެން ހަރަދު ސަލާމަތްކުރުމަށް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ވެސް ހިމެނެއެވެ. އޭގެ އިތުރުން އިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ފަޔާ ރޭޓެޑް ދޮރުތަކާއި ފަޔާ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔާ ސޭފްޓީ ސިސްޓަމް ވެސް ގާއިމުކޮށްފައިވެއެވެ.
ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް، އާ ފުރުސަތުތަކާ ގުޅުވާލަދިނުމުގައި އުރީދޫ މޯލްޑިވްސް އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް މި ހަފަލާގައި އުރީދޫ އިން އަރުވާފައިވެއެވެ.