ވިދިވިދިގެން ތިން މެޗުން ބަލިވެ މައްސަލަތަކެއްގެ ތެރެއަށް ގެނބިފައިވާ މެންޗެސްޓަރ ޔުނައިޓެޑްގެ ނާކާމިޔާބީތަކުގެ ސިލްސިލާއަށް ހޮނިހިރު ދުވަހުގެރޭ ނިމުމެއް ގެނެސްފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީއާ ވާދަކޮށް ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑް މޮޅުވީ އެކެއް ސުމަކުންނެވެ. ލަނޑުޖަހައިދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑެޒްއެވެ.
މި މެޗުގެ ކުރިން ޔުނައިޓެޑް އެންމެފަހުން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. އެެއީ އިނގިރޭސި ލީގުގައި އާސެނަލް އަތުން ބަލިވި މެޗާއި ބްރައިޓަން އަތުން ބަލިވި މެޗާއި ޗެމްޕިއަންސް ލީގުގައި ޖަރުމަނީގެ ބަޔާން މިއުނިކް އަތުން ބަލިވި މެޗެވެ.
ބާންލީ އަތުން މޮޅުވެގެން މެންޗެސްޓަރ ޔުނައިޓެޑް ވަނީ ޓޭބަލްގެ 8 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. ޔުނައިޓެޑަށް 6 މެޗުން ލިބިފައިވަނީ ޖުމްލަ 9 ޕޮއިންޓެވެ. ޔުނައިޓެޑަށް ދެން އެންމެ އަވަހަށް އޮތީ މިހަފުތާގެ ބުދަދުވަހު އިނގިރޭސި އީއެފްއެލް ކަޕްގެ ތިންވަނަ ބުރުގެ ފުރަތަމަ ލެގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޔުނައިޓެޑް ހަނިގޮތަކަށް މޮޅުވިއިރު ކްރިސްޓަލް ޕެލަސްއާއި ފުލަމް ބައްދަލުކުރި މެޗު ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ލޫޓަން އާއި ވުލްފް ބައްދަލުކުރި މެޗު ލޫޓަންގެ ދަނޑުގައި ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ.