އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގައި ޗެމްޕިއަން މެންޗެސްޓަރ ސިޓީ ދަމަހައްޓަމުން އަންނަ ސައްތައިން ސައްތައިގެ ރިކޯޑް ހޮނިހިރު ދުވަހުގެ ރޭ އަނެއްކާވެސް ދިފާއުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ވާދަކޮށް ސިޓީ މޮޅުވީ ދޭއް ސުމަކުންނެވެ.
ފުރަތަމަ ހާފުގެ ފުރަތަމަ ފަނަރަ މިނިޓް ތެރޭގައި ސިޓީގެ ދެ ގޯލް ޖަހައިދިނީ ފޮޑެން އާއި ހާލަންޑެވެ. ތަފާތު ބޮޑު ނަތީޖާއަކުން ސިޓީ މޮޅުވާން ދަނިކޮށް މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ސިޓީގެ ރޮޑްރީއަށް ދެއްކުނު ރަތްކާޑެއްގެ ސަބަބުންނެވެ. އެހެންކަމުން މުޅި ދެވަނަ ހާފު ސިޓީން ފުރިހަމަކުރީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.
ސިޓީ އޮތީ މިސީޒަނުގައި މިހާތަނަށް ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށް ޖުމްލަ 18 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައެވެ. ސިޓީ ނޫން އެހެން ބަޔަކަށް މި ސީޒަނުގައި ސައްތައިން ސައްތައިގެ ރިކޯޑެއް ނެތެވެ. ޓޮޓެންހަމާއި ލިވަރޕޫލް އަދި އާސެނަލް މި ސީޒަނުގައި ބަލިވެފައި ނެތަސް އެއިން ކޮންމެ ބައެއްގެ އެއްމެޗު މިހާތަނަށް ވަނީ އެއްވަރުވެގެން ނިމިފައެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެންމެ ތަފާތުބޮޑު އެޓޭކިން ގޭމެއް ކުޅެ މޮޅުވި ބަޔަކީ އެވަޓަންއެވެ. ރަށުން ބޭރުގައި ބްރެންޓްފަޑާއި ވާދަކޮށް އެވަޓަން މޮޅުވީ ތިނެއް އެކަކުންނެވެ. ލަނޑުޖެހީ ޑަކޯރޭ އާއި ޓަކޯސްކީ އަދި ކެލްވަޓްއެވެ. އެވަޓަން މިވަގުތު އޮތީ ޖުމްލަ ހަތަރު ޕޮއިންޓާއެކު ޓޭބަލްގެ ފަނަރަ ވަނައިގައެވެ. ބްރެންޓްފަޑް އޮތީ ހަ ޕޮއިންޓާއެކު ތޭރަވަނައިގައެވެ.