ޚަބަރު

ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ނަޝީދު ރައީސް އޮފީހަށް

ރައީސް އިބްރާހިމް މުހައްމަދ ސޯލިހާ ބައްދަލު ކުރެއްވުމަށް މަޖިލިސް ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިއަދު ރައީސް އޮފީހަށް ވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ކާރުކޮޅުގައެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވާފައި މިވަނީ، ދެ ބޭފުޅުން ބައްދަލުނުކުރައްވާތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށެވެ. ދެ ބޭފުޅުންވެސް ބައްދަލުކުރައްވަމުން މިގެންދަވަނީ ރިޔާސީ އިންތިހާބަށް ފަސް ދުވަހަށްވެފައި ވަނިކޮށެވެ.

ރައީސް ސޯލިހާއި ނަޝީދު ބައްދަލުކުރައްވަމުން ގެންދަވާ އިރު، ދެ ބޭފުޅުން ވަނީ މިދިޔަ ހަފުތާގައި ފޯނުން ގުޅުއްވައި މަޝްވަރާތައް ކުރައްވައިފައެވެ. އެގޮތުން ނިޒާމީ ވޯޓާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަދައްކަވައި މަޝްވަރާ ކުރެއްވިއެވެ. އަދި ރައީސް ވަނީ ދެ ބޭފުޅުންވެސް އުޅުއްވަނީ ސިޔާސީ ހިޔާލުތަފާތުވުން ތަކެއް ކަމަށާއި ދެކެވުނީ އެ ވާހަކަތައް ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ސޯލިހާއި ނަޝީދުގެ މި ބައްދަލުވުން މި ބާއްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ނަޝީދު ހުށަހަޅުއްވައި، މަޖިލީހުގައި އެ މަސައްކަތް ހިނގަމުން ދަނިކޮށެވެ. އެގޮތުން މަޖިލީހުން ވަނީ އަންނަ މަހުގެ 29 ގައި ނިޒާމީ ވޯޓް ނަގަން ފާސްކޮށް، އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ ދެވަނައެވެ. އެއީ ވޯޓުލީ އާބާދީގެ 39 ޕަސެންޓެވެ. އެއްވަނަ ހޯއްދެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ. އަދި ހަތް ޕަސެންޓު ހޯއްދަވައިގެން ނަޝީދުގެ ޕާޓީގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ލިބިވަޑައިގަތީ ތިންވަނައަށެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. އެގޮތަށް ނިންމީ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީއަށް ޑިމޮކްރެޓްސްއިން ހުށަހަޅި ހުށަހެޅުންތަކަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެއްބަސްނުވެވުމުންނެވެ. އެގޮތުން އެމްޑީޕީއަށް ހުށަހެޅީ މިމަހު 28 ގައި ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ހުށަހެޅީ އެ ކޯލިޝަންގެ ސަރުކާރެއްގެ ހިއްސާ ޑިމޮކްރެޓްސްއަށް ދިނުމަށެވެ.