ބޭރު ބައެއްގެ އަތްދަށުގައި ރާއްޖޭގެ ބިމުން އެންމެ އިންޗިއެއްވެސް އޮތުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ މިނިވަންކަން ނަގާލާކަމުގެ ތުހުމަތާއި ބޭރުގެ ސިފައިން ތިބި ވާހަކަ އިދިކޮޅުން ދައްކަމުންދާ ކަމަށެވެ.
ނަމަވެސް ރޭގަނޑު މަޖިލިސް ޖަލްސާ ބާއްވައިގެން، ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ އިސްލާހު ބާތިލުކުރަން ހުށަހެޅީ މި ސަރުކާރުން ކަމަށާއި މިއަދު ރާއްޖޭގެ އެންމެ ފަސްކޮޅެއްވެސް އަދި އެންމެ އިންޗިއެއްވެސް ބޭރުގެ ގައުމަކަށް ނުވަތަ މީހަކަށް މިލްކު ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން މިރޭވެސް މި އަރުވަނީ ތި ހުރިހާ ބޭފުޅުންނަށް މި ރާއްޖޭގެ ބިމުގެ އެންމެ އިންޗިއެއްވެސް، އެންމެ ފަސްކޮޅެއްވެސް ބޭރުގެ އެހެން ބައެއްގެ އަތްދަށުގައި އޮންނާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" ރައީސް ވިދާޅުވިއެވެ.
ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ އެއްވެސް ތަނެއްގައި އަސްކަރީ ބޭނުމެއްގައި އެއްވެސް ގައުމެއްގެ ސިފައިންގެ މީހަކު ނުހުންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ސިފައިން ތިބި ކަމަށް ބުނާ އުތުރުތިލަފަޅާއި ކައްދޫ އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓު ދައްކަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު މައްޗަށް ބަސް ކިޔޭނެ އެހެން ބަޔަކު ނުތިބޭނެ ކަމަށާއި ގޮތް ނިންމާނީ ދިވެހިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު