ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ ދެވަނަ ދުވަހު އެ ގައުމުން ރާއްޖެ އައިސްފައިވަނީ 122،181 ފަތުރުވެރިންނެވެ. އެއީ މާކެޓް ޝެއާގެ 9.9 ޕަސެންޓެވެ.

ނަމަވެސް މިދިޔަ 18 ދުވަސް ތެރޭގައި އެ ގައުމުން 11،700 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ދުވާލަކު އެވްރެޖްކޮށް 650 ފަތުރުވެރިންނެވެ. އެ އަދަދަކާއެކު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 133،962 އަށް އަރައިފައެވެ.

އެއާއެކު ޗައިނާ މާކެޓާއި މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރަޝިއާ އާއި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިންޑިއާއާ ދެމެދު އޮތް ފަރަގު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

އެގޮތުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 152،967 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެ ގައުމާއި ޗައިނާއާ ދެމެދު އޮތް ފަރަގު ވަނީ 1.5 ޕަސެންޓް ކުޑަވެފައެވެ. އަދި އެ މުއްދަތުގައި އިންޑިއާއިން 144،041 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެ ގައުމާއި ޗައިނާއާ ދެމެދު އޮތް ފަރަގު ވަނީ 0.8 ޕަސެންޓަށް ކުޑަވެފައެވެ.

ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، މި އަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓަކަށް ޗައިނާވުމުގެ ފުރުސަތު ބޮޑެވެ.