ރިޓަޔަމަންޓް އުމުރު 70 އަށް ބަދަލުކޮށް، 65 އަހަރުން މަތީގެ މީހުންނަށް ދޭ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
އެ ބަދަލުތައް ގެންނެވިކަން ރައީސް ސޯލިހު އިއުލާންކުރެއްވީ މިރޭ ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ހަރަކާތް، ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ބައެއް ފަރާތްތަކުން އެކަމަށް ހެޔޮ ބަދަލެއް ގެނައުމަށް އެދިފައިވާތީ އެ ނިންމުން ނިންމަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން އެ ސިޔާސަތު ބަދަލުކޮށްފިން. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7000 ރުފިޔާގެ އެލަވަންސެއް ދޭން އަޅުގަނޑުމެން ނިންމައިފިން. އަދި ރިޓަޔަމަންޓް އޭޖް 65 އިން 70 އަށް ބަދަލުކޮށް، އަޅުގަނޑު މި ދެންނެވިހެން 65 އަހަރުވީމާ ރިޓަޔާކުރާ ކޮންމެ މީހަކަށް މި ދެންނެވިގޮތަށް 5000 ރުފިޔާގެ ބަދަލުގައި 7000 ރުފިޔާ ލިބޭގޮތަށް އަޅުގަނޑުމެން މި ހަމަޖެއްސީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ސަރުކާރުން ދޫކުރި ލޯނުން އިންޓަރެސްޓް ކަނޑާލައި، އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރުމަށް ނިންމެވިކަން ވެސް މިރޭ އިއުލާންކުރައްވައިފައެވެ. ރައީސް ވިދާޅުވީ ޑޯޓުޑޯގެ ތެރެއިން އެ ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރުމާއި، އޭގެން ނަގާ އިންޓަރެސްޓް ކަނޑާލުމަށް ބައެއް މީހުން އެދުނު ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެ ނިންމުމާ އެއްގޮތަށް އެސްޑީއެފުން ނަގާފައި ހުރި ލޯނުގެ އިންޓަރެސްޓް ދެން ތިބޭފުޅުން ދައްކާކަށް ނުޖެހޭނެ. އަދި މިހާތަނަށް އިންޓަރެސްޓް ދައްކާފައި ތިބި މީހުންނަށް އަނބުރާ އެ ފައިސާ އަޅުގަނޑުމެން ދޭނަން. އަދި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު މިހާރު އޮތް ދިހަ އަހަރު އިތުރަށް އަޅުގަނޑުމެން ދަންމާލާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަންކަން އެމަނިކުފާނަށް ކޮށްދެވޭނީ ވެރިކަމުގައި ހުންނަވައިގެން ކަމަށާއި އެހެންކަމުން ރައްޔިތުން އެކަމާ ވިސްނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.