އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، ޒުވާނުންނާ މިރޭ ބައްދަލުކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ތެރެއިން ފައްޔާޒު، ޒުވާނުންނާ ބައްދަލުކުރެއްވީ މިރޭގެ ވަގުތެއްގައި ސީ ހައުސްގައެވެ.

އެ ބައްދަލުވުމުގައި ފައްޔާޒު ވަނީ އެތަނަށް ދިޔަ ޒުވާނުންނާ ވަކިވަކިން ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑު އައްސަވައިފައެވެ. އަދި ޒުވާނުންގެ މަންފާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުތަކުގެ މައުލޫމާތު އެ ޒުވާނުންނާ ހިއްސާ ކުރައްވައިފައެވެ.

ރައީސް ސޯލިހުގެ މެނިފެސްޓޯގައި ވަނީ "އާ ޒުވާން ޖީލު" ސިޔާސަތުގެ ދަށުން އަށް ކަމެއް ހިމަނައިފައެވެ. އޭގެ ތެރޭގައި ޒުވާނުންނަށް ހާއްސަ ހައުސިން ސްކީމާއި 'ކޯ-ލިވިން ސްޕޭސް' އަދި ކައުންސިލް ހައުސިން ހިމެނެއެވެ.

މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. އެއީ އިންތިހާބުގެ 38.1 ޕަސަންޓެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ލިބިވަޑައިގެންނެވީ 101،581 ވޯޓެވެ. އެއީ އިންތިހާބުގެ 45.1 ޕަސަންޓެވެ. ރައީސް ސޯލިހާއި މުއިއްޒު ދެވަނަ ބުރުގައި ވާދަކުރައްވާނީ މިމަހުގެ 30 ގައެވެ.