ޚަބަރު

ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޑިމޮކްރެޓްސް އިން ނިންމައިފި

މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

"ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ދާދި ދެންމެ ވިދާޅުވީ އެ ޕާޓީގެ އިންތިގާލީ ކައުންސިލުން އެންމެ ފަހުން ބޭއްވި ޖަލްސާގައި ނިންމާފައިވާ ގޮތަށް އެއްވެސް ބަޔަކާ އެކު އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ.

ޕީޕީއެމް ޕީއެންސީއާއި އެކުވެސް އަދި އެމްޑީޕީއާ އެކުވެސް ވަކި ތާރީހުތަކެއްގެ ކުރީން ވަގި ގޮތްތަކަކަށް ކަންތައްތަކެއް ނިންމަން އިންތިގާލީ ކައުންސިލްގެ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެ މުއްދަތު ފާއިތުވެގެން ދިޔަ އިރު އެކަން ނުވި ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ޕީޕީއެމް ޕީއެންސީއަށް އަޅުގަނޑުމެންގެ ހުށަހެޅުމަކަށްވީ، އެބޭފުޅުންނާއި އަޅުގަނޑުމެނާ މެދު އެއްބަސްވެވޭ ކަންތައްތައް މިމަހު 20 ވަނަ ދުވަހުގެ ކުރީން ނިންމައި ލިޔުމެއްގައި ސޮއިކުރުން. އެމްޑީޕީއަށް އަޅުގަނޑުމެންގެ ހުށަހެޅީ، މި މަހު 28 ގެ ކުރީން ބަރުލަމާނީ ވޯޓު ނެގޭނެ ގޮތަށް ހަމަޖައްސަން އަދި އެކަމާ މެދުވެސް މިއަދު (20 ސެޕްޓެމްބަރު) ގެ ކުރީން އެއްބަސްވުމަކަށް އަންނަން. އެހެންވީމަ އަޅުގަނޑުމެންގެ ކައުންސިލުން ފާސްކުރި ޑެޑްލައިން ހަމަވިއިރު އެއްވެސް ބަޔަކާ އެކު އެއްބަސްވުމަކަށް ނާދެވުނީމަ އަޅުގަނޑުމެންގެ ނިންމުމަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުން." އިލްޔާސް "ވަން" އަށް ވިދާޅުވި އެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ މިއަދުގެ ވަގުތެއްގައި މި ކަމާ ގުޅޭ ބަޔާނެއް ޕާޓީގެ ފަރާތުން ނެރޭނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ބަލައިގަނެ ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ކޮމިޓީގައި މިއަދު ބަހުސް ކުރުމަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އަންނައޮކްޓޫބަރު މަހުގެ 30 ގެ ކުރިން ނެގުމަށެވެ. އަދި އެގޮތަށް މަޖިލިސް ތަޅުމަށް ހުށަހެޅުމުން ވަނީ ފާސްކޮށްފައެވެ.